16 Nov 2017, 12:40
ލޯތްބާ ބެހޭ ގޮތުން އެންމެ ފުރަތަމަ އިވެނީ ކޮންމެވެސް "ފެއަރީ ޓޭލްއެއް"ގައި ބުނާ ވާހަކައެކެވެ. ސިންޑްރެލާ ނޫނީ ސްލީޕިން ބިއުޓީގައި ޕްރިންސް ޗާމިން އެއް އައިސް ޕްރިންސެސް އަކާ ކައިވެނިކޮށް "ހެޕިލީ އެވާ އާފްޓާއެއް"ގައި އުޅެން ފަށާ ވާހަކަ އެވެ. މިއީ ހުސް ހިޔާލީ ފޮލާ އެވެ. ހަގީގީ ދިރިއުޅުމާ އެއްވެސް ގުޅުމެއް ނެތެވެ.
ހަގީގީ ދިރިއުޅުމަށް ބަލާއިރު އުފާވެރި ކައިވެންޏަކާ ހަމައަށް ދަނީ ގިނަ "ހާޓް ބްރޭކް"ތަކަކަށް ފަހު އެވެ. ސްކޫލު ދައުރުގައި ގިނަ "ކްރަޝް"ތަކެއް އުޅޭނެ އެވެ. އެ ކްރަޝްތަކާ އެކު ގިނަ "ޑޭ ޑްރީމްތައް" ކުރާނެ އެވެ. އެ ހުރިހާ ކަމަކީ ވެސް ހިޔާލީ ފޮލާއެވެ. ހޭލާ ހުރެގެން ބަލާ ހުވަފެންތަކެވެ.
ސްކޫލުގައި އުޅެމުން ރައްޓެހިވާ ކުއްޖާއަކީ ފަހަރުގައި "ދަ ވަން" އަށް ނުވެދާނެ އެވެ. ދެގަޑި ދޭތެރެއިން ދެމީހުންގެ ލޯބީގެ ބައްދަލުވުންތައް ބާއްވާ، ލައިބްރަރީގައި ތިބެ ފޮޅުވާ މާތައް މަތިން ހަނދާން ވުމުން ފަހުން ހިނިވެސް އަންނާނެ އެވެ. ސްކޫލު ދައުރުގެ ލޯބިވެރިޔާ ނުލިބުމަކީ ލޯބީގައި ނާކާމިޔާބު ވުމެއް ނޫނެވެ. އޭނާއާ ކައިވެނިކޮށް ދަރިން ހޯދާތަން ހޭލާ ހުރެގެން ބެލި ނަމަވެސް ހަގީގީ ދިރިއުޅުން ކުރިއަށް އޮތީ އެވެ. ފުރަތަމަ ލޯތްބަކީ ހަގީގީ ލޯތްބަށް ނުވެދާނެ އެވެ. އެއީ ވާހަކަތަކާ ފިލްމު ތަކުގައި ފެންނަ ހިޔާލީ މަންޒަރުތަކާއި ވާހަކަތަކެވެ.
ކޮންމެ މޫދު ގަލަކަށް މަހެއް ވާފަދައިން ތިބާގެ ހަޔާތުގެ ބައިވެރިޔާ ވެސް އަދި އަންނާނެ އެވެ. ހުދު އަހެއްގައި ދުއްވާފައި ނޫނަކަސް، އޭނާ އަންނާނެ އެވެ. ކެތްތެރިކަމާ އެކު އިންތިޒާރު ކުރާށެވެ. ޓިއުޝަނަށް ދިޔަ ދުވަސްވަރު މާފޮޅުވި ބައިވެރިޔާ ދެކެ ވީ ލޯތްބަށް ވުރެ ފުން ލޯތްބެއް ވެވޭނެ ދުވަސް އަންނާނެއެވެ. ފުރާވަރުގެ ދުވަސް ވަރު ހުސްކޮށް ހުރުމަކީ ލަދެއް ނޫނެވެ. ގިނަ ލޯބިވެރިންތަކެއް ހޯދައި، ވަގުތު ބޭކާރު ކުރުމަށް ވުރެ ސީރިއަސް ރިލޭޝަންޝިޕަކަށް ގޮސް ކައިވެންޏާ ހަމައަށް ދާން މަސައްކަތް ކުރާށެވެ. "ހެޕިލީ އެވަ އާފްޓާ" ފެށޭނީ ކައިވެންޏަށް ފަހު އެވެ.