12 Nov 2017, 09:16
ރާއްޖެ ވަށާ ބުރުޖަހައި، މުޅި ދުނިޔެއަށް ހިތްވަރު ދައްކާލި އަބްދުލްޣަފޫރު އަލީ (ގައްބެ)އާ އެކު އިތުރު ތިން ފަރާތެއް ކުޅިވަރުގެ ދާއިރާ އިން ހިތްވަރުދިނުމުގެ ގައުމީ އިނާމު ހާސިލްކޮށްފި އެވެ.
ގައްބެއާ އެކު ކުޅިވަރުގެ ދާއިރާއިން ދެން ހިތްވަރުދިނުމުގެ ގައުމީ އިނާމު ހާސިލްކޮށްފައި ވަނީ މަޝްހޫރު ފުޓްބޯޅަ ރެފްރީ އަލީ ސަލީމާއި، ބާސްކެޓްބޯޅަ ކުޅުންތެރިޔާ ފާތިމަތު ރިޝްމާގެ އިތުރުން ކަސްރަތު އިންސްޓްރަކްޓަރު އަބްދުﷲ ނިޔާޒް (ޖޭމް އައްލޯ) އެވެ.

ރިޝްމާ(ވ)އަށް ރައީސް ޔާމީން، ހިތްވަރުދިނުމުގެ ގައުމީ އިނާމު ހަވާލުކޮށްދެއްވަނީ --- ފޮޓޯ/ ރައީސް އޮފީސް
އެ ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުން ފަށައިގެން ކަޓަމަރާނެއްގެ އެހީގައި ކަނޑުމަތީގައި 304 ގަޑިއިރު ހޭދަކޮށް، 40 އަށް ވުރެ ގިނަ ރަށަށް ދަތުރު ކުރުމަށްފަހު ރާއްޖެ ވަށާ ބުރުޖަހައި ތާރީހީ ފޮތްތަކުން ޖާގަ ހޯދި ގައްބެ، ކުޅިވަރުގެ ދާއިރާ އިން ހިތްވަރުދިނުމުގެ އިނާމު ހާސިލްކޮށްފައި ވަނީ، މޫދު ކުޅިވަރު ކުޅުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުންނެވެ.

އަލީ ސަލީމް(ވ)އަށް ރައީސް ޔާމީން، ހިތްވަރުދިނުމުގެ ގައުމީ އިނާމު ހަވާލުކޮށްދެއްވަނީ --- ފޮޓޯ/ ރައީސް އޮފީސް
ފުޓްބޯޅަ ރެފްރީއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދި އަލީ ސަލީމް، ކުޅިވަރުގެ ދާއިރާ އިން ހިތްވަރުދިނުމުގެ އިނާމު ހާސިލްކޮށްފައި ވަނީ ކުޅިވަރު ހިންގުމާއި ފަންނީގޮތުން ކުޅިވަރަށް ހިދުމަތް ކުރުމުގެ ރޮނގުންނެވެ. ބާސްކެޓް ބޯޅައިގައި ފާހަގަކޮށްލެވޭ ރިޝްމާ، ކުޅިވަރުގެ ދާއިރާ އިން ހިތްވަރުދިނުމުގެ އިނާމު ހާސިލްކުރީ ކުޅިވަރު ކުޅުމާއި މީހުން ތަމްރީން ކުރުމުގެ ރޮނގުންނެވެ. އަދި ކަސްރަތު އިންސްޓްރަކްޓަރު އައްލޯ، ކުޅިވަރުގެ ދާއިރާއިން ހިތްވަރުދިނުމުގެ އިނާމު ހާސިލްކުރީ ކަސްރަތު ކުރުމާއި ކަސްރަތު ކުރިއެރުވުމުގެ ރޮނގުންނެވެ.