12 Nov 2017, 09:35
އާއިލާއެއްގައި ހިމެނޭ އެއްބަނޑު އެއްބަފާ ކުދިންގެ މެދުގައި އެންމެ ބޮޑު ވާދަވެރިކަމެއް އުފެދެނީ މަންމައާއި ބައްޕަގެ ރަން ދަރިއަކީ ކާކުތޯ ބެލުމަށް ކުރެވޭ ބަހުސްގެ ތެރޭގައެވެ. ޒަމާނުއްސުރެ ގަބޫލު ކުރެވިފައި އޮންނަނީ މައިންބަފައިންގެ ފޭވަރިޓް ދަރިއަކީ އެންމެ ދޮށީ ކުއްޖާ ކަމަށެވެ. ފަހަރުގައި އެއީ އެމީހުން މައިންބަފައިންނަށް ވީ އެކުއްޖާގެ ސަބަބުން ކަމަށް ވާތީ ކަމަށްވެސް ވެދާނެއެވެ. ނަމަވެސް ދާދި ފަހުން ހެދި ދިރާސާއެއްގައި ބުނާ ގޮތުން މައިންބަފައިންގެ އެންމެ ފޭވަރިޓް ދަރިއަކީ އެމީހުންގެ އެންމެ ހަގު ދަރިފުޅެވެ.
ބްރިންގްހަމް ޔަންގް ޔުނިވާސިޓީގެ ސްކޫލް އޮފް ފެމެލީ ލައިފް އިން ކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ މައިންބަފައިންގެ ރަންދަރިއަކަށް ވާން ބޭނުން މީހާއަށް އެ މަގާމަށް އާދެވޭނެ ކަމަށެވެ. އެގޮތުން އާއިލާގެ އެންމެ ހަގު މެންބަރަށް އިހްސާސް ކުރެވޭނީ އޭނާ އަކީ އެންމެންވެސް އެންމެ ލޯބިވާ މީހާ ކަމަށާ މައިންބަފައިންވެސް ބުނާނީ އެގޮތަށް ކަމަށެވެ. މިހެން ވަނީ ދޮއްޓަށް ތިބޭ ކުދިންނާ ހަގު ދަރިފުޅާ އަޅާކިޔުމުގެ ކަންތައް ހަގު ދަރިފުޅުވެސް އަމިއްލައަށް ކުރާތީ އެވެ.
ދޮއްޓަށް ހުންނަ ކުއްޖާއަށް ތިމަންނައަކީ މައިންބަފައިންގެ ރަންދަރި ކަމަށް އިހްސާސް ކުރެވި އެކަން އެގޮތަށް ނުވެ ހިނގައިދާނެ ކަމަށާއި ނަމަވެސް އެކުއްޖާއާ މައިންބަފައިންނާ ދެމެދު އޮންނަ ގާތްކަމަށް މިކަމުގެ ސަބަބުން އެއްވެސް ބުރުލެއް ނާރާނެ ކަމަށް ދިރާސާގައި ބުނެފައިވެއެވެ.
މީގެ އިތުރުން މެދަށް ހުންނަ ކުއްޖާއަކީ "އެއްވެސް އަޅާލުމެއް ނުލިބޭ" ކުއްޖެއްގެ ގޮތުގައި އޭނާއަށް އަމިއްލައަށް އިހުސާސް ކުރެވޭ ކަމަށް ދިރާސާގައި ބުނެފައިވެއެވެ.
ދަރިންގެ މެދުގައި ތަފާތު ކުރުން ނައްތާލައި، އެއްކުއްޖަކު އަނެއްކުއްޖަކާ އަޅާ ކިޔުމުގެ ސަގާފަތް ނައްތާލުމަކީ އުފާވެރި އާއިލާއަކަށް އޮތް އެންމެ ފަސޭހަ އެއް މަގު ކަމަށް ދިރާސާގައި ފާހަގަ ކޮށްފައިވެއެވެ.
މަސްދަރު:އިންޑިޕެންޑެންޓް