12 Nov 2017, 08:51
ރެއާލް މެޑްރިޑްގެ ވޭލްސް ތަރި ގެރެތު ބޭލްއަށް އަނިޔާގެ އިތުރު މައްސަލައެއް ކުރިމަތިވެ، ކުޅުމުގެ ތެރެއަށް ނުކުތުމަށް އަނެއްކާވެސް އިންތީޒާރުތަކެއް ކުރަން ޖެހިއްޖެ އެވެ.
އަނިޔާގެ ސަބަބުން މިސީޒަނުގައި ރެއާލް ކުޅުނު ނުވަ މެޗެއްގައި ބޭލްއަށް ބައިވެރިވެވިފައި ނުވާ އިރު، އެންމެ ފަހުން އެ ޓީމަށް އޭނާ ކުޅެފައި ވަނީ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅެ، 3-1 ލަނޑުން ރެއާލް މޮޅުވި ޔޫއެފާ ޗެމްޕިއަންސް ލީގު މެޗުގައެވެ.
މީގެ ކުރިން އުމުރުން 28 އަހަރުގެ ބޭލްއަށް ރެއާލަށް ކުޅެވިފައި ނުވަނީ ކުޑަކަޅުވާއަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ. އެ އަނިޔާއާ ގުޅިގެން އޭނާއަށް ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި އެންމެ ފަހުން ވޭލްސް ކުޅުނު މުހިންމު މެޗުތައް ގެއްލިފައެވެ.
މިދިޔަ ސީޒަނުގައި ވެސް އަނިޔާގެ ގިނަ މައްސަލަތަކަކާ ކުރިމަތިލާން ޖެހުނު ބޭލް ވަނީ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗަށް ރެއާލުން ކުރާ ތަމްރީންތަކެއްގައި ބައިވެރިވެފައެވެ. އެންމެ ފަހުން ބޭލްއަށް ލިބުނު އަނިޔާއަކީ ރެއާލްގެ ފަރިތަކުރުންތަކުގެ ތެރެއިން ލިބުނު އަނިޔާއެއް ކަމަށް އެ ކްލަބުން ބުނެ އެވެ.
"މިދިޔަ ބުރާސްފަތި ދުވަހު ކުރިއަށްގެންދެވުނު ފަރިތަކުރުންތަކަށް ފަހު، ބޭލްގެ ފަޔަށް އުނދަގޫތަކެއް ކުރިމަތިވާތީ ކްލަބުގެ މެޑިކަލް ޓީމުން ޓެސްޓުތަކެއް ވަނީ ހަދާފައި. އެ ޓެސްޓްތަކުން ދައްކާ ގޮތުގައި އޭނާގެ އުކުޅުވަޅު ކައިރިއަށް ވަނީ އަނިޔާ ވެފައި،" ރެއާލުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ބޭލްއަށް އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނެ ދުވަހެއް ރެއާލުން ހާމަކޮށްފައި ނުވާ އިރު، ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބޭލްއަށް ލިބުނު އަނިޔާއަށްފަހު އޭނާއަށް އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނީ ތިނެއް ނުވަތަ ހަތަރު ހަފްތާ ފަހުންނެވެ.
ރެއާލް މެޑްރިޑުން މިމަހުގެ 18 ވަނަ ދުވަހު ރަށުން ބޭރުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މުހިންމު މެޗާއި ޗެމްޕިއަންސް ލީގުގައި އަޕޮއެލް އަދި ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް އަނިޔާއާ ގުޅިގެން، ބޭލްއަށް ބައިވެރި ނުވެވޭނެ ކަމަށް ބެލެވެ އެވެ.