ދިވެހި ތާރީޚު ބަދަލުކޮށްލައި ރާއްޖެއަކީ މުއްސަނދިކަން ލިބޭނެ ގައުމެއްކަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދައްކަވައިދެއްވައިފި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޓީވީއެމްގައި ރޭ ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ ރާއްޖެއަކީ މުއްސަނދިކަން ލިބޭނެ އިސްލާމީ ޝަޚްސިއްޔަތެއް އޮތް ގައުމެއްކަން ރައީސް ޔާމީން ދައްކުވައިދީފިކަމަށެވެ. ހަމައެހެންމެ ރައްޔިތުން ސާބިތުކަމާއެކު ކުރިމަތިލައި ގައުމަށް ކާމިޔާބު ހޯދާނެކަން ވެސް ވެރިއެއްގެ ހައިސިއްޔަތުން މިއަދު އެމަނިކުފާނު އެގެންދަވަނީ ދައްކަވަމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއާއި އިސްލާމީ ދައުލަތްތަކާ ދެމެދު އޮތް ގުޅުން "ނިމިދިޔަ ވެރިކަމުގައި ފަގީރުކޮށްލި" ކަމަށާއި ނަމަވެސް މިއަދު އެ ގައުމުތަކާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އެތައް ގުނައަކަށް އިތުރުވަމުން އަންނަ ކަމަށް ސައީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު ކާމިޔާބު ހޯދަމުން އެދަނީ. ވަކިން ޚާއްސަކޮށް އިސްލާމީ ދުނިޔެއާ އަޅުގަނޑުމެންނާ އޮތް ތިމާގެކަން އެތައް ގުނައަކަށް އިތުރުވެގެން ހިނގައްޖެ ރައީސް ޔާމީންގެ ހަރުދަނާ ވިސްނުންފުޅުން،" ސައީދު ވިދާޅުވިއެވެ.

ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ބަލާލައިފި ކަމަށްވާނަމަ ފެންނަމުން ދަނީ ތަރައްގީގެ މަޝްރޫއުތައް ކަމަށާއި ގައުމު ބިނާކުރުމުގައި ދިވެހި ކޮންމެ ރައްޔިތަކު ބައިވެރިވުމަކީ ގައުމީ ވާޖިބެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑު ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ވިސްނާ ވިސްނާ ވެސް އަދި ކިތަންމެ ވަރަކަށް ވިސްނިޔަސް މިއަދު އަޅުގަނޑަށް އަންނަ އީކުއެޝަނަކީ އަޅުގަނޑުމެންގެ ގައުމު މުއްސަނދި ކަމާއި ކާމިޔާބު ކަމާއި އަޅުގަނޑުމެންގެ އެއްބައިވަންތަކަމާއި އިސްލާމްދީނުގެ ހިމާޔަތުގައި މިއަދު ކޮންމެ ފިކުރެއްގެ ކޮންމެ ރައްޔިތަކަށް ވެސް ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބު ކުރުމަކީ މިއަދު ވާޖިބެއް،" ސައީދު ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ ޑިމޮކްރެސީ އަކީ ވަޅިހިފައިގެން ނުކުމެ އެކަކު އަނެކަކު ލެއިން ތަތްތެޅެންޖެހޭ ކުޅިވަރެއް ނޫން ކަމަށާއި ޑިކޮމްރެސީ ފެށިގެން އަންނަނީ ރައްޔިތުންގެ ފަރާތުން ކަމަށެވެ. އަދި ރައްޔިތުން ވަނީ 2013 ވަނަ އަހަރު ރައީސް ޔާމީން ރާއްޖޭގެ ވެރިއެއްގެ ގޮތުގައި ކަނޑައަޅާފައި ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.