އާލިއާ ބަޓް އާއި ވިކީ ކޯޝަލް ލީޑު ރޯލުން ފެނިގެންދާ، މޭގަން ގުލްޒާރުގެ ފިލްމު 'ރާޒީ' ރިލީޒް ކުރާނެ ތާރީޚު ކަނޑައަޅައިފި އެވެ.

ޖަންގްލީ ޕިކްޗާޒް އަދި ދަރްމާ ޕްރޮޑަކްޝަންސް އިން ޕްރޮޑިއުސް ކޮށްފައިވާ އެ ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ މެއި މަހުގެ 11 ވަނަ ދުވަހު އެވެ. އަދި ފިލްމުގެ ފަސްޓް ލުކް މިހާރު ވަނީ ދައްކާލައިފައެވެ.

މިއީ 'ހައިވޭ' އަދި 'އުޅްތާ ޕަންޖާބް' ފަދަ ފިލްމުތަކުގައި އާލިއާގެ ފަރާތުން ފެނިގެން ދިޔަ ފަދަ ވަރުގަދަ ރޯލެއް ހިމެނޭ ފިލްމެއް ކަމަށް ލަފާކުރެވެ އެވެ. އެހެންކަމުން 'ރާޒީ' ހިމެނެނީ އަންނަ އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައެވެ.

ޖުލައި މަހު ޕަންޖާބުގައި ފިލްމުގެ ޝޫޓިން ފެށި އިރު، ކަޝްމީރުގައި ވެސް ފިލްމުގެ ބައެއް މަންޒަރުތައް ނަގައިފައިވެ އެވެ. ފިލްމުގެ ޝޫޓިން ނިންމާލައިފައި ވަނީ އޮކްޓޫބަރު މަހުގެ ފަހުކޮޅު އެވެ.

'ރާޒީ' އަކީ ހަރިންދަރު ސިއްކާގެ ފޮތް 'ކޯލިންގް ސެހްމަތު'ގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. ފިލްމުގައި އާލިއާ އަދާކުރާނީ އިންޑިއާގެ އިންޓެލިޖެންސަށް މައުލޫމާތު ފޯރުކޮށްދޭ ކަޝްމީރު އަންހެނެއްގެ ރޯލެވެ. ފިލްމުގައި އާލިއާގެ ފިރިމީހާގެ ރޯލުން ފެނިގެންދާ ވިކީ ކޯޝަލް އަކީ ޕާކިސްތާނުގެ މިލިޓަރީ އޮފިސަރެކެވެ.