ކާމިޔާބު ބޯޖްޕޫރީ ޑައިރެކްޓަރު ޝާދް ކުމާރު އޭނާގެ ގޭގެ ކޮޓަރީގެ ފަންކާގައި ދަންޖެހިފައި ހުއްޓާ އިއްޔެ ފެނިއްޖެ އެވެ.

ޝާދު މަރުވެފައި ހުއްޓާ ފެނިފައި ވަނީ އޭނާގެ އަންހެނުންނަށް ކަމަށާއި ފުލުހުންނަށް ރިޕޯޓު ކުރީ ވެސް އޭނާ ކަމަށް ޚަބަރުތައް ބުނެ އެވެ.

ކުމާރުގެ އަނބިމީހާ އާއި ހަވާލާދީ ފުލުހުން ބުނެފައި ވަނީ، ކުމާރު ދަންޖެހިފައި ހުއްޓާ ފެނިފައި ވަނީ ޑިޕްރެޝަންގައި އުޅޭތާ ދުވަސްތަކެއް ވެފައި ވަނިކޮށް ކަމަށެވެ.

ކުމާރު ޑިޕްރެޝަނަށް ދިޔައީ ފަހަކަށް އައިސް އޭނާގެ އެއްވެސް މަސައްކަތެއް ކާމިޔާބު ނުވާތީ ކަމަށް އޭނާގެ އަނބިމީހާ ވަނީ ބުނެފައެވެ. ފުލުހުން މިހާރު އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކުމާރުގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި 'އެކް ލައިލާ، ތީން ޗައިލާ'، 'ބާއިލް'، 'ތޯރާ ސެ ޕިޔާރު'، 'ތުމްހާރޭ ޕިޔާރްކީ ކަސަމް' ފަދަ ފިލްމުތައް ހިމެނެ އެވެ. ކުމާރު މަރުވެފައި ހުއްޓާ ފެނިފައި ވާއިރު މި މަހުގެ 24 ވަނަ ދުވަހު އޭނާގެ ފިލްމެއް ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ބޯޖްޕޫރީ ފިލްމުތަކުގައި އެސިސްޓަންޓު ފޮޓޯގްރާފަރެއްގެ ގޮތުގައި ފިލްމީ ކެރިއަރު ފެށި ކުމާރު ވަނީ ފަހުން އަމިއްލަ ޕްރޮޑަކްޝަން ހައުސް އެއް ވެސް އުފައްދައިފައެވެ.