ހދ. ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމާ ދެކޮޅަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާ ވާހަކަފުޅުތައް އެރަށު ރައްޔިތުން ބަލައިނުގަންނާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީގައި ހުންވައިގެން މުއިއްޒު މިއަދު "ސަން" އަށް ވިދާޅުވީ، ރައީސް ނަޝީދު މިހާރު އެ ހުންނެވީ ކުޅުދުއްފުށީ ރައްޔިތުންގެ އިހްސާސްތައް އެނގިވަޑައިގަންނަވާ ހިސާބަށްވުރެ މާ ދުރުގައި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހުންނެވީ ކުޅުދުއްފުށީ ރައްޔިތުންނާއެކު ދިވެހި ފަސްގަނޑުގައި ކަމަށާއި އެރަށު ރައްޔިތުން މިއަދު ގަބޫލުކުރަނީ އެމަނިކުފާނު ދައްކަވާ ވާހަކަފުޅުތައް ކަމަށް ހައުސިން މިނިސްޓަރު ވިދާޅުވިއެވެ.

ދާދިފަހުން ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ކުޅުދުއްފުއްޓަށް ބޭނުންވަނީ ގަޑިއަށް، ބާރަށް، އަވަހަށް ދަތުރުކުރެވޭ ދަތުރުފަތުރުގެ ނިޒާމެއް ކަމަށެވެ.

މުއިއްޒު ވިދާޅުވީ ކުޅުދުއްފުށީ ރައްޔިތުން މިއަދު ބޭނުންވަނީ ކޮންމެ ދުވަހަކު ސީދާ އެރަށުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރެވޭނެ ގޮތް ހަމަޖެހިގެންދިޔުން ކަމަށެވެ.

"ކުޅުދުއްފުށީ ރައްޔިތުން ވިދާޅުވަނީ އެއާޕޯޓެއް އަޅާށޭ. އެކަމަކު ރައީސް ނަޝީދު މި ވިދާޅުވަނީ އެއާޕޯޓެއް ރައްޔިތުން ބޭނުމެއް ނުވެއޭ. އެހެންވީމަ ދިމާ އިދިކޮޅަށް އެމަނިކުފާނު މި ވާހަކަ ދައްކަވަނީ،" މުއިއްޒު ވިދާޅުވިއެވެ.

ރައީސް ނަޝީދު ދައްކަވާ އެފަދަ ވާހަކަފުޅުތައް އަޑުއަހަން ކުޅުދުއްފުށީ ރައްޔިތުން މިހާރު ބޭނުންނުވާ ކަމަށާއި އެމަނިކުފާނު ކުރައްވަންވީ ކަމަކީ ރާއްޖެ ވަޑައިގެން ޝަރީއަތުން އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުން ކަމަށް ހައުސިން މިނިސްޓަރު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މިއަދު ފެންނަމުން މިދަނީ ކުޅުދުއްފުށީ ރައްޔިތުންނާ ދުރުގައި ހުންނަވައި ފިތުނަ އުފެއްދުމަށްޓަކައި ރައީސް ނަޝީދު މަސައްކަތް ކުރައްވާ މަންޒަރު ކަމަށެވެ.

ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމުން އެރަށު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އެތައް ގުނައަކަށް އުފުލިގެންދާނެ ކަމަށް ވެސް ހައުސިން މިނިސްޓަރު ވިދާޅުވިއެވެ.

ކުޅުދުއްފުށީ އެއާޕޯޓު އެޅުމަށް ބިން ހިއްކާ މަހާ ޖައްރާފަށް މަރުހަބާ ކިޔުމަށް އެރަށު ކަނބަލުންތަކެއް އިއްޔެ ފަރިވަޅު ގެންދަނީ-- ފޮޓޯ/ ހުސައިން ވަހީދު

"އެއާޕޯޓުގެ ސަބަބުން މިރަށުގައި އިންވެސްޓްމެންޓުތައް އިތުރުވެ ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ލިބިގެންދާނެ،" މުއިއްޒު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސަރަހައްދީ ތަރައްގީ އަކީ ރައީސް ޔާމީން އިސްކަންދެއްވާ ކަމެއް ކަމަށާއި އުތުރު ސަރަހައްދުގެ ތަރައްގީގެ މައި ރަށަކީ ކުޅުދުއްފުށި ކަމަށެވެ. އަދި އެރަށުގެ މަގު ހެދުމުގެ މަސައްކަތް އެމްއާރްޑީސީން މިހާރު ކުރަމުން އަންނައިރު، މަތީ ފެންވަރަށް އެރަށުގެ ހޮސްޕިޓަލް ތަރައްގީ ކުރުމަށް ރާއްޖެއިން ބޭރުގެ ކުންފުންޏަކާ ސަރުކާރުން ވަނީ ހަވާކުކޮށްފައި ކަމަށާއި އެ މަސައްކަތްތައް ވެސް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.