ރައްޔިތުންނަށް ބޭނުންވާ މުހިންމު ގިނަ ޚިދުމަތްތަކެއް ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފޯރުކޮށްދެއްވީ ވަރަށް ބޮޑެތި ގޮންޖެހުންތަކާ އެކު ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަޒްލީން ވިދާޅުވީ، ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ރައްޔިތުންގެ އަސާސީ ޚިދުމަތްތައް ރައީސް ޔާމީން ވަނީ ތަރައްގީކޮށްދެއްވާފައި ކަމަށެވެ.

އެގޮތުން އެކި ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކޮށްފައިވާއިރު ރާއްޖޭގެ ކޮންމެ ރަށަކަށް 24 ގަޑިއިރު ކަރަންޓްގެ ޚިދުމަތް ދެމުން އަންނަ ކަމަށް އަޒްލީން ވިދާޅުވިއެވެ.

ކޮންމެ ރަށަކަށް ޑޮކްޓަރެއް ފޮނުވާފައިވާއިރު، ކޮންމެ ރަށެއްގައި ބޭސްފިހާރައެއް ހުޅުވައިި އެތަނުން ހުސްނުވާ އާސަންދަ ލިބޭނެގޮތް ހަމަޖައްސާފައިވާ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

އަޒްލީން ވިދާޅުވީ އިގްތިސޯދީ ވައުދުގެ ތެރެއިން ރާއްޖޭގެ ރައްޔިތުންގެ ބޮލަކަށް ޖެހޭ އާމްދަނީ ވަނީ ދެ ގުނަ މައްޗަށް ގެންގޮސްފައި ކަމަށެވެ.

"މިއީ ޝައްކެއްވެސް ނެތްގޮތުގައި އަޅުގަނޑުމެން މިއަދު އުފާކުރަންޖެހޭ، ގައުމަށް ލިބިގެންދާ ވަރަށް ވެސް މަތިވެރި ޝަރަފަކާއި ފަޚުރެއް،" އަޒްލީން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރައްޔިތުންނަށް އެންމެ ބޮޑު ހިތްހަމަޖެހުމަކާއި ތަސައްލީއެއް ގެނެސްދޭ ކަމަކީ ރައްޔިތުންގެ ތެރޭގައި އިންސާފުވެރިކަމާއެކު ކަންތައްތައް ހިންގާނެ ނިޒާމެއް ގާއިމްކޮށްދިނުން ކަމަށެވެ. އެގޮތުން އިޖުތިމާއީ އަދާލަތު ގާއިމްކޮށް ރައްޔިތުންގެ މެދުގައި އިންސާފުވެރިކަމާއެކު ކަންކަން ބެލޭނެ ނިޒާމް އިތުރަށް ހަރުދަނާކޮށްފައިވާ ކަމަށް އަޒްލީން ވިދާޅުވިއެވެ.

ހަމައެހެންމެ ރައްޔިތުންގެ މެދުގައި ސަލާމަތާއި ރައްކާތެރިކަން ގާއިމްކޮށް ރައްޖެއަށް އަމާންކަން ރައީސް ޔާމީން ގެނެސްދެއްވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޒުވާނުންނަށް ހަރުދަނާ އެތަކެއް މަގެއް ކޮށައިދީފައިވާއިރު ގިނަ ވިޔަފާރިވެރިންތަކެއް ވެސް އުފައްދާފައިވާ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

"މީގެތެރެއިން ޚާއްސަ ޕްރޮގްރާމްތަކުގައި ޒުވާނުންނަށް ވަނީ ބޮޑެތި ފުރުސަތުތަކެއް އެމަނިކުފާނުގެ ކުރު މާޒީގައި ހާސިލްކޮށްދެއްވާފައި،" އަޒްލީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ޚާއްސަ އެހީއަށް ބޭނުންވާ މީހުން މުޖުތަމައުގައި ބަލައިނުގަންނަ މިންވަރަށް މިހާރު ބަލައިގަންނަ ކަމަށް ވެސް އަޒްލީން ވިދާޅުވިއެވެ.

"މިހެންގޮސް މިރޭގެ މިވަގުތުކޮޅުގައި އަޅުގަނޑުމެންނަށް ހަމަ ބަޔާންކުރަން ދަތި ވަރަށް ރާއްޖޭގެ ރައްޔިތުންނަށް އުފާވެރިކަމާއި ހިނިތުންވުން އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މިވަނީ މި ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ގެނެސްދެއްވާފައި،" އަޒްލީން ވިދާޅުވިއެވެ.

ގައުމުގެ ހާލަތު ރަނގަޅަށް އެނގޭ ބޭފުޅަކު ރައްޔިތުންގެ ވެރިކަމަށް އިސްކޮށްފިނަމަ ރައްޔިތުންނަށް އޭގެ ފައިދާ ކުރާނެކަން ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ސާބިތުވެގެން ގޮސްފި ކަމަށް ވެސް އަޒްލީން ވިދާޅުވިއެވެ.