12 Nov 2017, 00:14
ދިވެހި ޖުމްހޫރިއްޔަތަށް 50 އަހަރު ފުރުމުގެ މުނާސަބާ ކުލަގަދަކޮށް އަންނަ އަހަރު ފާހަގަކުރަން ސަރުކާރުން ނިންމައިފިއެވެ.
މިރޭ ބެއްވި ޖުމްހޫރީ ދުވަހުގެ ޚާއްސަ ހަފްލާގައި ވަނީ އެ މުނާސަބަތުގެ ލޯގޯ އާއި ލަވަ އިފްތިތާހުކޮށްފައެވެ.
ލޯގޯ އާއި ލަވަ އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.
ޖުމްހޫރިއްޔަތަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅޭގޮތުން ފަރުމާކޮށްފައިވާ ލޯގޯގައި ހަނދުފަޅިއަކާއި ތަރިއެއް އަދި ދިވެހި ދިދައިގެ ނިޝާން ވަނީ ބޭނުން ކޮށްފައެވެ.
ރާއްޖޭގައި މިހާރު ފާހަގަ ކުރަމުން މިދަނި ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ 49 ވަނަ އަހަރު ފުރުމުގެ މުނާސަބަތެވެ. ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސްއަކީ މުހައްމަދު އަމީން ދީދީއެވެ. އެއަށްފަހު ފުރަތަމަ ޖުމްހޫރިއްޔާ ނިމުމަކަށް އައިސް ދެން އޮތީ ރަސްކަމުގެ ދުވަސްވަރެވެ. އެ ރަސްކަން ނިމުމަކަށް އައިސް ދެވަނަ ޖުމްހޫރިއްޔާ ފެށުނީ 1968 އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހުގައެވެ. ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސްއަކީ އިބްރާހިމް ނާސިރު އެވެ. ދެވަނަ ރައީސް އަކީ މައުމޫނު އަބްދުލް ގައްޔޫމެވެ. އަދި ތިންވަނަ ރައީސަކީ މުހައްމަދު ނަޝީދެވެ. ރައީސް ޔާމީނަކީ ހަތަރު ވަނަ ރައީސެވެ.