11 Nov 2017, 23:51
ސަރުކާރުންދޭ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ގދ.ތިނަދޫ އަލިދޯދި، އަބްދުﷲ އަފީފު އާއި ހ.ވިލާފަރު، ޑޮކްޓަރު މުހައްމަދު އަހުމަދަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދެއްވައިފިއެވެ.
ރައީސް ޔާމީން އެ ދެ ބޭފުޅުންނަށް ޝަރަފްވެރިކަމުގެ ގައުމީ އިނާމު ހަވާލުކޮށްދެއްވީ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.
އަފީފަށް ޝަރަފްވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަތީ ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހި ޅެންވެރިކަމުގެ ރޮނގުން ނެވެ. އަދި ޑޮކްޓަރު މުހައްމަދު އަހުމަދަށް ޝަރަފްވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަތީ މެޑިކަލް ޑޮކްޓަރެއްގެ ގޮތުގައި އޭނާ ކުރެއްވި މުހިންމު ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.

ދިވެހި ޅެންވެރިކަން ކުރިއެރުވުމުގެ ރޮނގުން އަބްދުﷲ އަފީފަށް ރައީސް ޔާމީން ގައުމީ އިނާމް ދެއްވަނީ -- ފޮޓޯ/ ރައީސް އޮފީސް
އަފީފު ބުނިގޮތުގައިި އެންމެ ފުރަތަމަ ޅެންވެރިކަމަށް އެނާ ޝައުގުވެރިކަން އުފެދުނީ ސްކޫލް ދައުރުގައި އަދަބީ ކަންތައްތަކުގައި ހަރަކާތްތެރިވެ އުޅުނު ދުވަސްވަރުއެވެ. އުމުރުން އެންމެ 14 އަހަރުން ފެށިގެން އަފީފު ޅެން ހަދަން ފެށި އިރު އޭނާ ފުރަތަމަ ޅެމެއް ހަދާފައި ވަނީ 1959 ވަނަ އަހަރުގައެވެ.
އަފީފް ވަނީ ގދ. އަތޮޅުގައި އެކި އެކި މުނާސަބަތުތަކާ ގުޅިގެން ބޭއްވި ހަފްލާތަކުގައި ޅެން ހަދާފައެވެ. އަފީފް އެންމެ ގިނައިން ޅެން ހަދާފައިވަނީ ޓީވީއެމް އިން ބޭއްވި ސްކޫލްތަކުގެ ލަވަ މުބާރާތްތަކުގައެވެ. އެ ގޮތުން ޅެންވެރިކަމުގެ ރޮނގުން އަފީފަށް ލިބުނު ކާމިޔާބީ ތަކުގެ ތެރޭގައި 1993، 1995 އަދި 1996 ވަނަ އަހަރު ޓީވީއެމް ސްކޫލުތަކުގެ ލަވަ މުބާރާތުގައި ޅެންވެރިކަމުގެ ރޮނގުން އޭނާ ވަނީ އެއް ވަނަ ހޯދާފައެވެ. އޭގެ އިތުރުން 1986 ވަނަ އަހަރު ގައުމީ ލަވަތަކުން ދެވަނަ އަދި ތިންވަނަ ހާސިލްކޮށްފައިވާއިރު، ގައުމީ ލަވަ ނޫން އެހެން ލަވަ ތަކުން އޭނާ ވަނީ ދެވަނަ ހޯދާފައެވެ.
އޭނާ ވަނީ ދިވެހި ޅެންވެރިކަމުގެ ރޮނގުން އާންމު ޚިދުމަތަށް ހިއްވަރު ދިނުމުގެ އިނާމު 1993 ވަނަ އަހަރު ހާސިލްކޮށްފައެވެ.
ޑރ. މުހައްމަދު އަހްމަދަކީ ރާއްޖެއިން ބޭރުން ތައުލީމު ހާސިލްކުރައްވައިގެން ރާއްޖޭގައި ފުރަތަމަ މަސައްކަތް ކުރެއްވި ދިވެހި ޑޮކްޓަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ރާއްޖެއަށް މިހާތަނަށް އެންމެ ދިގު މުއްދަތަކަށް ސިއްހީ ޚިދުމަތް ކުރެއްވި މެޑިކަލް ޑޮކްޓަރު މުހައްމަދު އަހްމަދު ތާރީޚުގައި ލިޔެވިގެން ދާއިރު އޭނާ ވަނީ ސިއްހީ ދާއިރާގައި 47 އަހަރަށް ވުރެ ގިނަ ދުވަހުގެ މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ.
މުހައްމަދު އަހްމަދު ވަނީ ރާއްޖެއިން ޓީބީ، ލިޕްރަސީ އަދި ފައިލޭރިއާ ފަދަ ބަލިތައް ނައްތާލުމުގައި ވަރަށް ބޮޑު މަސައްކަތްތަކެއް ކުރައްވާފައެވެ. އަދި އޭނާ ވަނީ ޓީބީ އާއި ލިޕްރަސީ ކްލިނިކްގައި 15 އަހަރު ދުވަހުގެ މުއްދަތަކަށް ޚިދުމަތްކުރައްވާފައެވެ.
އެ ގޮތުން އޭނާ އެންމެ ފުރަތަމަ މަސައްކަތް ކުރަން ފެއްޓެވީ މެޑިކަލް ކޮންސަލްޓްގެ އެހީތެރިއެއްގެ ގޮތުގައެވެ. ފަހަކަށް އައިސް އޭނާ ވަނީ ހަމުގެ ޑަކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.
ޑޮކްޓަރު މުހައްމަދު އަހްމަދު ވަނީ ސިއްހީ ޚިދުމަތް ކުރިއެރުވުމުގެ ރޮނގުން 1982 ވަނަ އަހަރު އާންމު ޚިދުމަތުގެ ހިއްވަރު ދިނުމުގެ އިނާމު ހާސިލްކުރައްވާފައެވެ. އަދި ރާއްޖެއަށް މިނިވަންކަން ލިބުމަށްފަހު ވޭތުވެދިޔަ 25 އަހަރު ގައުމަށް ޚިދުމަތްކޮށްދެއްވިކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ދިން އާންމު ޚިދުމަތިގެ ހަނދާނީ ލިޔުންވެސް އޭނާ ވަނީ ހާސިލްކޮށްފައެވެ. އަދި ސިވިލް ސާވިސްގެ ގާނޫނުގެ ދަށުން ރިޓަޔާ ކުރެއްވި ބޭފުޅުންނަށް ސަރުކާރުން ދިން ޝަރަފުގެ ހަނދާނީ ލިޔުން ވެސް އޭނާ އަށް ވަނީ ލިބިވަޑައިގެންފައެވެ.