11 Nov 2017, 22:51
ސިޔާސީ ވާދައިގެ ނަތީޖާއަކީ ދާޚިލީ ހަނގުރާމައަކަށް ވެެގެން ނުވާނެ ކަމަށާއި ތަފާތު ވިސްނުން ތަކުގައިވެސް ގައުމީ އިންތައް ކަނޑައެޅެންވާނެ ކަމަށް ރައީސުލްޖުމުހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޚާއްސަ ޖަލްސާގައި ގައުމާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ގައުމަށް ތެދުވެރި ވަފާތެރި ދަރިން ތަކެއް ގޮވައިގެން ގައުމު ބިނާ ކުރުމުގެ މަސައްކަތް ކުރާއިރު ކުރިމަތިވާ ގޮންޖެހުންތައް މަދު ނޫން ކަމަށާއި ގައުމު ބިނާ ކުރުމުގެ މަސައްކަތުން އެކަކުވެސް ބާކީވެގެންނުވާނެކަމަށެވެ.
"ގައުމު ބިނާ ކުރުމުގެ މަސައްކަތުން ހަމަ އެކަކުވެސް ބާކީވެގެން ނުވާނެ. އަޅުގަނޑުމެންގެ ތެރޭގައި ހުރި ސިޔާސީ ޚިޔާލު ތަފާތު ވުމަކީ ގައުމު ހަނަގުރާމައަކަށް ވިޔަ ނުދީ ގައުމުގެ ތަރައްގީގެ މަސައްކަތުގައި އެންމެން ބައިވެރިވާންވާނެ ކަންކަން،" ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ތަފާތު ވިސްނުމުގެ ތެރެއިން ގައުމީ ފެންވަރުގެ ހަަމަނުޖެހުމެއް ނުގެނައުމަށް އަޒުމް ކަނޑައަޅައި، އެކަމަށް ހުރިހާ އެންމެންވެސް ފާޅުގައި މަސައްކަތް ކުރަން ވާނެ ކަމަށެވެ.
މިއަދުގެ ދުނިޔޭގައި އަޅުވެތި ކަމުގެ ހިލިހިލާ އަޅުވާނީކީ ޓެރަރިޒަމްގެ ހަމަލާތަކުގެ ތެރެއިން ނޫން ކަމަށާއި އެއް ގައުމުން އަނެއް ގައުމަށް މިއަދު އަޅުވެތި ކަމުގެ ދާތައް ފަތުރަނީ އިގްތިސާދީ ދަންތުރައިގެ ދާތައް ފަތުރައިގެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިއަދު ގައުމުތަކާ ދެކޮޅަށް މަސައްކަތް ކުރަނީ ފިކުރީ ހަނގުރާމައިގެ ތެރެއިން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"މިއަދުގެ ދުނިޔޭގައި ގައުމެއް އަޅުވެތި ކުރެވޭނެ އެެންމެ ފަސޭހަ ގޮތަކީ އިގްތިސާދީ ގޮތުން ގައުމެއް ބަލިކަށި ކުރުން. އާމްދަނީ ހޯދުމާއި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އެހެން ގައުމުތަކަށް ބަރޯސާކުރުވުން،" ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އިގްތިސާދީ މިނިވަންކަން ގާއިމްކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ އެންމެ މުހިއްމު ބައިވެރިއަކީ އަމިއްލަ ވިޔަފާރި ތަކުގެ ސިނާއަތު ކަމަށެވެ.
ގައުމުގެ ތަރައްގީގައި އަމިއްލަ ވިޔަފާރި ތަކުގެ ދައުރަކީ އަޅާ ކިއޭ ވަރަށް ވުރެ މާ މުހިއްމު ދައުރެއް ކަމަށާއި ގައުމަށް ވަންނަ ފައިސާ އާއި ސަރުކާރުގެ އާމްދަނީ އާއި ވަޒީފާ އުފެއްދުމުގެ އެންމެ މުހިއްމު ބައިވެރިންނަކީ އަމިއްލަ ވިޔަފާރިވެރިކަަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
"ޕްރައިވެޓް ސެކްޓަރުގެ ކުރިއެރުމަށް ފަހި ސިޔާސަތު ތަކެއް ކަނޑައެޅުމަކީ މިއަދުގެ އިގްތިސާދުގެ ނިންމުތަކުގެ އެންމެ މުހިއްމު އަސާސް. މި ދެންނެވި ކަންކަން މިހެން ހުރުމުގެ ސަބަބުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން އަޅުގަނޑުގެ އަމާޒަކަށް ވެފައިވަނީ ގައުމުގެ އިގްތިސާދު ނަގާ ކޮޅަށް ޖެހުން. އަމިއްލަ ފައިމައްޗަށް ތެދުވުން،" ރައީސް ޔާމީން ވިދާޅުވިއެވެ.
ބިނާ ކުރުމުގައި ވިސްނަންވީ އެންމެ މުހިއްމު އަނެއްކަމަކީ ގައުމުގެ ސަގާފަތާއި ބީރައްޓެހި ފިކުރީ ހަނގުރާމަތަކަށް ފާރަވެރިވުންކަން ފާހަގަކުރައްވައި އެފަދަ ފިކުރީ ހަނގުރާމަތަކަށް ސަމާލުވެތިބިމުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ. އަދި ދުނިޔޭގެ ބައެއް ގައުމުތައް އެފަދަ ފިކުރީ ހަނގުރާމަ ތަކުގައި ޖެހި ހަލާކުވެގެން ގޮސްފައިވާކަން ތާރީޚުން ފެންނަން އެބަހުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެގައުމެއްގެ ސަގާފަތާއި ބީރައްޓެހި އެކިއެކި ފިކުރުތައް އެގައުމެެއްގައި ފަތުރައިގެން ބޭރުގެ ބައެއް ފިކުރާވާ މީހުން ވެރިކަމަށް އައުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުފަހިކޮށްދީފައި އެބަހުރި. އެތައް ގަރުނެއްގެ ތަރައްގީ ހިމެނިފައިވާ ހަޟާރަތްތައް ނެތިކޮށް ތާރީޚުތައް ސުންނާފަތިކޮށްފައި އެބަހުރި،" ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ގައުމުގެ ސަގާފަތާއި ބީރައްޓެހި ފިކުރުތައް ގައުމުތަކުގައި ފެތުރުންފަދަ ކަންކަން ހިނގަމުން ދާއިރު، އިސްލާމް ދީނާ ދެކޮޅަށް ކުރެވޭ މަސައްކަތުގެ އެންމެ ފުރަތަމަ އަމާޒަކަށް ރާއްޖެ ވުމަކީ ހައިރާންވާކަމެއް ނޫން ކަމަށެވެ. އަދި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީންކަން ދަމަހައްޓަމުުންދާހާ ހިނދަކު އެފަދަ މީހުންގެ އަމާޒަކަށް ރާއްޖެ ވެގެންދާނެކަން ފާހަގަކުރައްވައި އެކަމަށް ސަމާލުވެ ތިބުމަށް ރައްޔިތުންނަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.
މިރޭ ބޭއްވި ޖުމުހުރީ ދުވަހުގެ ރަސްމިއްޔާތުގައިވަނީ ގައުމީ ޝަރަފްވެރިކަމުގެ އިނާމް ދެ ބޭފުޅަކަށް އަރުވާފައެވެ. އަދި ހިތްވަރު ދިނުމުގެ އިނާމް 24 ބޭފުޅަކަށް ވަނީ އަރުވާފައެވެ.