ކްރިސްޓަލް އެންޓަޓެއިންމެންޓުގެ ފިލްމު "ބޮސް"ގެ މޭކިންގް ސީޑީއަށްވެސް ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށް ފިލްމްގެ ޕްރޮޑިއުސަރު އަދި ކުޅަދާނަ ވާހަކަލިޔުންތެރިޔާ ފާތިމަތު ނަހުލާ ބުނެފިއެވެ.

ނަހުލާ ބުނީ މިހާރު 'ބޮސް'ގެ މޭކިންގ އޮންލައިންކޮށް ސޯޝަލް މީޑިއާއިން ބަލާލުމުގެ ފުރުސަތު އޮންނާނެ ކަމަށާއި މޭކިންގ ސީޑީގެެ 3000 އެއްހާ ކޮޕީ ހިލޭ ބެހުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަދި ފިލްމު ޕްރޮޑިއުސަރު ފާތިމަތު ނަހުލާ (ނަހޫ)ގެ "ބޮސް"ގެ ތީމް ލަވަ ނެރުމުގެ ގޮތުން ބޭއްވި ހަފްލާގެ ތެރެއިން---ސަން ފޮޓޯ/ މުހައްްމަދު އަފްރާހް

ބޮސްގެ 10 ޓިކެޓް ގަތުމުން އެ ފިލްމުގެ މޭކިންގ ސީޑީއެއް ހިލޭ ދެއެވެ. އަދި މިހާރު ފިލްމް ބަލާފައި ތިބި މީހުންގެ އަތުގައި ވެސް ޓިކެޓް ބުރި އޮތްނަމަ އޭގެ 10 ޓިކެޓް ބުރި ހިފައިގެން ދިއުމުން މޭކިންގ ސީޑީއެއް ލިބޭނެއެވެ.

"ބޮސް ޕްރިމިއާ ކުރި ރޭ އެކަނިވެސް ވަނީ މޭކިންގް ސީޑީގެ 500 ކޮޕީ ބަހާފައި. މިހާރުވެސް ޓިކެޓް ގަންނަ މީހުން ބޭނުންވާނަމަ 10 ރުފިޔާއަށް މޭކިންގް ސީޑި އެބަ ވިއްކަން،" އޭނާ ބުންޏެވެ.

ކާމިޔާބު ފިލްމީ ތަރި އައިޝަތު ރިޝްމީ ރަމީޒް ޑައިރެކްޓްކޮށް މަރިޔަމް އައްޒަ އާއި މުހައްމަދު ޔުނާން ލީޑުރޯލުން ފެނިގެންދާ އަސަރު ގަދަ ލޯބީގެ ފިލްމަށް ގިނަ ބައެއްގެ ތަރުހީބު އޮހޮރެމުންދާއިރު ޕްރޮޑިއުސަރު ނަހުލާ ހުރީ ފިލްމްގެ ކާމިޔާބީއާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ.

އޮލިމްޕަހުގައި މިހާރު ދަނީ 17 ވަނަ ޝޯއާ ހަމައަށް ބޮސްގެ ޓިކެޓް ވިއްކަމުންނެވެ. މިހާރުވެސް "ބޮސް"ގެ ހައުސްފުލް 12 ޝޯ ދައްކާފައި ވާއިރު މާލޭން ބޭރުގައި މިހާތަނަށް ދެއްކި ހުރިހާ ޝޯއެއްވެސް ކުރިއަށް ދިޔައީ 100 ޕަސެންޓް ފުލްކޮށެވެ.

މީގެ އިތުރުން އަތޮޅުތެރޭގައި ބޮސްގެ ޝޯތައް ކުރިއަށް ގެންދާއިރު ފިލްމު އަޅުވާ ރަށްތަކާ ކައިރި ރަށްރަށުގައި ބޮސް އަޅުވަން ބޭނުންނަމަ ލަސްނުކޮށް "ބޮސް"ގެ ޓީމާ ގުޅުމަށް ކްރިސްޓަލް އެންޓަޓެއިންމަންޓުން އެދެއެވެ.

ބޮސްގެ ޓިކެޓެއް ވިއްކަނީ، 100 ރުފިޔާއަށެވެ. ރަށްރަށުގައި ފިލްމު އެޅުވުމަށް ބޭނުންވާ ފަރާތްތަކުން، 7974426 އަށް ގުޅައިގެން އެކަން ކުރިއަށް ގެންދެވޭނެއެވެ.