ވޯލްޑް ކަޕް 1970އަށް އެޑިޑާސް އިން އުފެއްދި 'ޓެލްސްޓާރ' ބޯޅައަށް ޒަމާނީ ބަދަލުތަކެއް ގެނެސް ޓެކްނޮލޮޖީގެ އެކިއެކި ސިފަތަކާ އެކު އަންނަ އަހަރު ރަޝިއާގައި އަންނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕްގައި ބޭނުން ކުރުމަށް ހަމަޖެހިފައިވާ ރަސްމީ ބޯޅަ 'ޓެލްސްޓާރ 18' އާންމުކޮށް ދައްކާލައިފި އެވެ.

އެ ބޯޅަ އުފެއްދި ޖަރުމަނުގެ އެޑިޑާސް ކުންފުނިން ބުނީ، އެ ކުންފުނީގެ އުންމީދަކީ އަންނަ އަހަރުގެ ވޯލްޑް ކަޕުގައި ކުޅުންތެރިންގެ ފަރާތުން ތަފާތު ފެނިގެންދިއުމަށް އެ ބޯޅަ އަކީ އެންމެ ބޮޑު އެހީތެރިއަކަށް ވެގެން ދިއުން ކަމަށެވެ.

މި ބޯޅައިގައި ނިއާ ފީލްޑް ކޮމިއުނިކޭޝަން(އެންއެފްސީ) ޗިޕެއް ހަރުކުރެވިފައިވެ އެވެ. އެއީ ސްމާޓްފޯނު މެދުވެރިކޮށް ބޯޅަ އާއި މުއަމަލާތު ކުރެމުގެ ފުރުސަތު ބޯޅަ ބޭނުންކުރާ ފަރާތްތަކަށް ދިނުމުގެ ގޮތުން ހަރުކުރެވުނު ޗިޕެއް ކަމަށް އެޑިޑާސް އިން ބުނެފައިވެ އެވެ. އެ ޗިޕު މެދުވެރިކޮށް ބޯޅަ އޮންނަ ތަން ދެނެގަނެވޭނެ ކަމަށާއި އެ ބޯޅަ އުފެއްދުމުގައި ރީސައިކަލް ކުރެވިފައިވާ މާއްދާތައް ބޭނުން ކުރެވިފައިވާ ކަމަށް އެޑިޑާސް އިން ހާމަކޮށްފައިވެ އެވެ.

އެ ބޯޅަ ދައްކާލުމަށް ބޭއްވި ހަފްލާގައި ބޯޅަ ތައާރަފް ކޮށްދިނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އެވެ. ބޯޅައާ ބެހޭގޮތުން މެސީ ބުނެފައި ވަނީ، ބޯޅައިގައި އަލަށް އެކުލެވިފައިވާ ސިފަތަކާއި ބޯޅައިގެ ކުލަ އާއި އެހެނިހެން ހުރިހާ ކަމެއް ވެސް ވަރަށް ފުރިހަމަ ކަމަށާއި ބޯޅަ ތައާރަފް ކުރުމުގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.