އަންނަ އަހަރު ރަޝިޔާގައި ބާއްވާ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ކުޅޭ ޕްލޭއޮފްގެ ފުރަތަމަ ލެގުގެ މެޗުގައި ރޭ ސްވިޑެން އަތުން ބަލިވެ، 60 އަހަރަށް ފަހު އިޓަލީ ވޯލްޑް ކޮލިފައި ނުވެދާނެ ކަމުގެ ބިރު ހީވެއްޖެއެވެ.

ސްވިޑެންގެ ދަނޑުގައި ރޭ ކުޅުނު މި މެޗުން އިޓަލީ ބަލިވެފައި ވަނީ 0-1 ގެ ނަތީޖާ އަކުންނެވެ. ދެ ވަނަ ލެގުގައި ހޯމަ ދުވަހުގެރޭ މިލާނުގެ ސެންސީރޯގައި އިޓަލީއާ ދެކޮޅަށް ކުޅޭ މެޗު އެއްވަރުކޮށްލައިގެން ވެސް ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ފުރުސަތު ސްވިޑަން އަށް އޮތުމާ އެކު އިޓަލީ އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ.

މި މެޗުގައި ސްވިޑެން އިން ރަނގަޅު ކުޅުމެއް ދެއްކިއިރު އިޓަލީގެ ގޯލަށް އެޓީމުން ވަނީ ނުރައްކާތެރި ދެ ހަމަލާއެއް ފުރަތަމަ ހާފްގައި ފޮނުވާލާފައެވެ. އެގޮތުން ޓޮއިވޮނެން އާއި ފޯސްބާގް ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެއެވެ.

ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ޔެކޮބް ޔޮހަންސަން ވަނީ މެޗުގެ ލީޑު ސްވިޑެން އަށް ނަގާދީފައެވެ. މި ގޯލު ވަދެފައިވަނީ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ޔޮހަންސަން ފޮނުވާލި ހަމަލާ އިޓަލީގެ މިޑްފީލްޑަރު ޑި ރޮސީގެ ގައިގައި ޖެހިފައެވެ.

މި ގޯލަށްފަހު ސްވިޑެންގެ ފަރާތުން ޑިފެންސިވް ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ 71 ވަނަ މިނެޓްގައި ނަތީޖާ އެއްވަރުކޮށްލަން އިޓަލީ އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް ޑާމިއަން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. މި ހަމަލާއަށް ފަހު ސްވިޑެންގެ ގޯލަށް އިޓަލީ އަށް މާ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލެވިފައެއް ނުވެއެވެ.

ވޯލްޑް ކަޕް ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާ އިޓަލީ ނެތި އެންމެ ފަހުން ވޯލްޑް ކަޕެއް ކުޅުނީ ސްވިޑަންގައި 1958 ވަނަ އަހަރެވެ. ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިން ތިބެމެ ވޯލްޑް ކަޕުން އިޓަލީ އަށް ޖާގަ ނުލިބިއްޖެ ނަމަ އެއީ އެ ގައުމުގެ ފުޓްބޯޅައަށް ކުރިމަތިވާނެ ބޮޑު މައްސަލައަކަށް ވާނެ އެވެ.