11 Nov 2017, 17:25
އަންނަ އަހަރު ރަޝިޔާގައި ބާއްވާ ވޯލްޑް ކަޕަށް ސެނެގާލް ކޮލިފައިވެއްޖެއެވެ.
ބާކީ އެއް މެޗު އޮއްވައި ސެނެގާލް ވޯލްޑްކަޕަށް ކޮލިފައިވީ 0-2 އިން ސައުތް އެފްރިކާ ބަލިކުރުމަށްފަހު ގްރޫޕް ޑީގެ އެއްވަނަ ހޯދައިގެންނެވެ. ސެނެގާލް އަށް ވަނީ ފަސް މެޗުން 11 ޕޮއިންޓް ލިބިފަ އެވެ.
ސައުތް އެފްރިކާގައި އިއްޔެ ކުޅުނު މި މެޗުގެ 12 ވަނަ މިނެޓްގައި ސެނެގާލް އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. ލިވަޕޫލް އަށް ކުޅެމުން އަންނަ ސަޑިއޯ މާނޭ ދިން ރީތި ޕާހަކުން މި ގޯލު ސެނެގާލް އަށް ކާމިޔާބުކޮށްދިނީ ޑިއަފްރާ ސާކޯއެވެ.
ސައުތް އެފްރިކާ އިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު މި މެޗުގައި ނަތީޖާ އެއްވަރުކޮށްލަން އެޓީމަށް ވަނީ ރަނގަޅު ތިން ފުރުސަތު ލިބިގެން ގޮސްފައެވެ.
މި ފުރުސަތުގެ ބޭނުން ސައުތް އެފްރިކާ އަށް ނުހިފުމުގެ ނަތީޖާއަކަށްވީ މެޗުގެ 38 ވަނަ މިނެޓްގައި ސެނެގާލް އިން އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކުރުމެވެ. ސެނެގާލްގެ ދެވަނަ ގޯލަކީ ސައުތް އެފްރިކާގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.
ރޭގެ މޮޅާއެކު ސެނެގާލް ވޯލްޑް ކަޕަށް ކޮލިފައިވިއިރު އެޓީމު އެންމެފަހުން ވޯލްޑް ކަޕެއްގައި ކުޅުނީ 2002 ވަނަ އަހަރުއެވެ. ސެނެގާލް އިން ވަނީ އެ ފަހަރު މުބާރާތުގެ ކުއާޓާފައިނަލާ ހިސާބަށް ދަތުރުކޮށްފައެވެ.