ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލް މެޗު އަންނަ ހޯމަ ދުވަހަށް ފަސްކޮށްފި އެވެ.

އެ މުބާރާތުގެ ފައިނަލް މެޗު ފަސްކޮށްފައި ވަނީ މި މަހުގެ 13ވާ ހޯމަ ދުވަހުގެ ރެއަށެވެ. މެޗު ކުޅޭނީ އެ ރޭ 21:00 ގަ އެވެ. ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ އެ މެޗަށް ފަހުގަ އެވެ.

ކުރިން މުބާރާތުގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައި ވަނީ މިއަދު ނަމަވެސް 13 ވަނަ ދުވަހަށް މެޗު ފަސްކުރީ ހަމަޖައްސަން ޖެހޭ ބައެއް އިންތިޒާމްތައް ހަމަޖެއްސުމަށާއި ކުޅޭ ދެޓީމަށް ވެސް ފަސޭހަވާނެ ގޮތަށް ކަންކަން ހަމަޖެއްސުމަށް ކަމަށް މުބާރަތް ބާއްވާ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުގެ ރައީސް މޫސާ ރިޟުވާން ވަނީ "ސަން ސްޕޯޓްސް" އަށް ވިދާޅުވެފަ އެވެ.

މުބާރާތުގެ ފައިނަލުގައި ވާދަކުރާނީ ހެންވޭރާއި ސ. ފޭދޫއެ އެވެ. މިދިޔަ އަހަރުގެ ފައިނަލުގައި ވެސް ވާދަކުރި ފޭދޫން މި އަހަރުގެ މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދީ ސެމީގެ މެޗުގައި މ. މަޑުއްވަރީގެ މައްޗަށް ކުރި ހޯދައިގެންނެވެ. ހެންވޭރު ފައިނަލަށް އައީ ޗެމްޕިއަން ތިމަރަފުށީ ކަޓުވާލުމަށް ފަހު އެވެ.

މިއަހަރު އެ މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް ދޭ ފައިސާގެ އިނާމަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. މިދިޔަ އަހަރު ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިން ނަމަވެސް، މި އަހަރު ޗެމްޕިއަން ޓީމަށް ހުށަހަޅާފައި ވަނީ 65،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. މިދިޔަ އަހަރު ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިން ނަމަވެސް، މިއަހަރު ރަނަރަޕް ޓީމަށް ހުށަހަޅާފައި ވަނީ 25،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

މި އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސް އެވެ. އަދި އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް އެ މުބާރާތުގައި 50 ޓީމެއް ވާދަކުރެ އެވެ.