ޔަންގޮން (ނޮވެމްބަރު 11) -- ލައިސަންސު ނެތި މިޔަންމާގެ ޕާލަމެންޓް ކައިރިން ޑްރޯން އުދުއްސައިގެން ތުރުކީ ވިލާތުގެ ދެ ސްޓޭޓް ބްރޯޑްކާސްޓަރަކު ދެ މަސް ދުވަހަށް ޖަލަށް ލުމަށް މިޔަންމާންގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

ހުއްދަ ނެތި މިޔަންމާގެ ޕާލަމެންޓް ކައިރިން ޑްރޯން ދުއްވި މައްސަލާގައި ސިންގަޕޫރުގެ ލައު ހެން މެން އާއި މެލޭޝިޔާގެ މޮކް ޗޮއީ ލިން މިދިޔަ މަހު ވަނީ ހައްޔަރުކޮށްފަ އެވެ. އިއްޔެ އެ ދެ މީހުންގެ މައްޗަށް ޖަލު ހުކުމް އިއްވީ އެއާކްރާފްޓް ގާނޫނާ ހިލާފުވި ކަމަށް ކަނޑައަޅަ އެވެ.

އެ ދެ ނޫސްވެރިން ހައްޔަރު ކުރި އިރު، އެ މީހުން ދިޔައީ ތުރުކީ ވިލާތުގެ ސްޓޭޓް ރޭޑިއޯ އާއި ސްޓޭޓް ޓީވީ (ޓީއާރުޓީ) އަށް ރިޕޯޓެއް ތައްޔާރު ކުރަމުންނެވެ.

މިޔަންމާގެ ލޯކަލް ޖާނަލިސްޓް އަދި އެ މީހުންނަށް ބަސް ތަރުޖަމާކޮށްދިން އަންގް ނައިންގް ސޮއީ އާއި ޑްރައިވަރު ހަލާ ޓިން ވެސް އެ މީހުންނާ އެކު މިދިޔަ މަހު 27ގައި ހައްޔަރު ކުރި އެވެ. އަދި އެ ދެ މީހުން ވެސް ދެ މަސް ދުވަހަށް ޖަލަށް ލުމަށް އިއްޔެ ހުކުމް ކުރި އެވެ. އެ މީހުންގެ ކުށަކީ ބޭރު ދެ ނޫސްވެރިންނަށް އެހީތެރިވެދިނުމެވެ.

މައުލޫމާތު: ޕްރެސް ޓީވީ