04 Aug 2011, 15:40
އިކޮނޮމިކް ޑެވެލޮޕްމަންޓް މިނިސްޓްރީން ދެމުން އައި ވަރަށް ގިނަ ހިދުމަތްތަކެއް ދިނުން މާލޭ ސިޓީ ކައުންސިލާ ހަވާލުކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އެމިނިސްޓްރީން އާމުންނަށް ދެމުން ގެންދިޔަ ވަރަށް ގިނަ ހިދުމަތްތަކެއް ލާމަރުކަޒީ ޤާނޫނުގެ ދަށުން މާލޭ ސިޓީ ކައުންސިލާ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހަވާލުކޮށްފައިވާ ކަމަށެވެ.
މާލޭ ސިޓީން ކައުންސިލުން އާއްމުންނަށް މިހާރު ދެމުންގެންދާ ހިދުމަތްތަކުގެ ތެރޭގައި އިމްޕޯޓް މުދާ ވިއްކުމުގެ ހުއްދަ ދިނުމާއި ބަނގުރަލާއި އޫރުމަހާއި އޫރުމަހުން އުފައްދާތަކެތި އިމްޕޯޓްކުރުމުގެ ހުއްދަ ދިނުމާއި ރެސްޓޯރެންޓް، ސައިހޮޓޯ، ކެންޓީން ބާ ހިންގުމުގެ ހުއްދަ ދިނުމާއި، ފިލްމް ކުއްޔަށް ދޫކުރާ ތަންތަނާއި ޓްރޭޑްމާކްތަކާއި ލޯގޯ އާއި ތިއޭޓަރުތަކާއި ބިޒްނަސް ނަން ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދިނުމާއި ރީއެކްސްޕޯޓް އެގްރީމަންޓް ކުރުމާއި ރީއެކްޕޯޓް ލައިސަންސް ދޫކުރުން ހިމެނެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ކުރިން އެމިނިސްޓްރީން ދެމުން އައި ހިދުމަތްތަކުގެ ތެރެއިން މާލޭ ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާ ހިދުމަތްތަކާ ގުޅިގެން ދޫކުރެވޭ ވިޔަފާރިއާ ގުޅޭ އެކިއެކި ހުއްދަތަކާ ރަޖިސްޓްރީތަކުގެ މައްސަލަތައް މީގެފަހުން ބަލަމުން ގެންދާނީ ސިޓީ ކައުންސިލުން ކަމަށެވެ.
މާލޭ ސިޓީ ކައުންސިލުން އެހިދުމަތްތައް މިވަގުތު ދެމުން ގެންދާނީ އިކޮނޮމިކް މިނިސްޓްރީ ހުންނަ އިމާރާތުގެ ފުރަތަމަ ފަންގި ފިލާގައި ކަމަށް އިކޮނަމިކް މިނިސްޓްރީން ބުންޏެވެ.