ގއ. ވިލިނގިލީގައި ދުއްވާފައި ދިޔަ ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ވިލިގިލިން މައުލޫމާތު ދިން މީހަކު "ސަން" އަށް ބުނީ އެކްސިޑެންޓް ހިނގާފައި ވަނީ އެރަށު ގަބުރުސްތާނާއި ދިމާ ބޮޑު މަގުގައި ކަމަށާއި އެކްސިޑެންޓް ހިނގާފައިވަނީ ހެނދުނު 11 ޖަހާކަށްހާއިރު ކަމަށެވެ.

މަންޒަރު ދުށް މީހަކު ސަން އަށް މިއަދު ބުނީ އެކްސިޑެންޓް ހިނގާފައި ވަނީ ދެކޮޅުން އައި ދެ ސައިކަލު ޖެހިގެން ކަމަށާއި ދެ ސައިކަލު ވެސް ދުއްވާފައި އައި ބާރު ސްޕީޑެއްގައި ކަމަށެވެ. އަދި އެ ދެމީހުން ދުއްވި ދެ ސައިކަލު ވެސް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށެވެ.

އެކްސިޑެންޓްގައި އަނިޔާވި ދެމީހުންނަށް މިހާރު ދަނީ އެ ރަށުގައި ހުންނަ އޮތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންނެވެ. އަތޮޅު ހޮސްޕިޓަލުން ބުނީ 31 އަހަރުގެ ފިރިހެނަކަށާއި 19 އަހަރުގެ ފިރިހެނަކަށް ފަރުވާދެމުންދާ ކަމަށެވެ. އަދި އެ ދެމީހުން ވެސް މިވަގުތު އޮތީ "އޮބްޒަވޭޝަން"ގައި ކަމަށާއި އެހެން ކަމުން ލިބުނު އަނިޔާގެ ތަފްސީލާއި ދެމީހުންގެ ހާލު ބުނަން ދަތި ކަމަށެވެ.