ހދ. ކުޅުދުއްފުށީގެ މަގުތަކުގައި ތާރުއެޅުމަށް ފަށާފައިވާ މަސައްކަތް މެދުކެޑިފައި އޮތުމަށް ފަހު މާދަމާ، އަލުން އެ މަސައްކަތް ފެށުމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) ތައްޔާރުވެއްޖެއެވެ.

ރާއްޖޭގެ އުތުރުގެ އެންމެ އާބާދީ ބޮޑު ރަށް ކަމަށްވާ ކުޅުދުއްފުށީގެ 18 މަގެއް ޒަމާނީފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ، އެމްއާރްޑީސީއާ ހަވާލުކޮށްގެންނެވެ. އެ މަޝްރޫއަކީ ފަސްދޮޅަސް މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫއެކެވެ.

އެމްއާރްޑީސީން ބުނީ، ކުޅުދުއްފުށީގެ މަގުހެދުމުގެ މަސައްކަތް އޭރު މެދުކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. އެހެންނަމަވެސް މިހާރު އެ މައްސަލަ ހައްލުވެ، ތާރުއެޅުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެފައިވާކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

ހދ. ކުޅުދުއްފުށީ ފަނޑިޔާރުމަގުގައި ތާރުއެޅުމުގެ މަސައްކަތް ނިންމާލާފައި -- ފޮޓޯ: އެމްއާރްޑީސީ

ކުޅުދުއްފުށީގައި އެމްއާރްޑީސީން ކުރިއަށް ގެންދާ މަގުހެދުމުގެ މަޝްރޫއުގެ ދަށުން މިހާރުވަނީ، ހަތަރު މަގެއްގައި ތާރުއަޅައި ނިންމައިފައެވެ. އެއީ އެރަށު ފަނޑިޔާރު މަގާއި، މަރުކަޒު މަގާއި، މަގާން މަގުގެ އިތުރުން ނިކަގަސް މަގެވެ. މަސައްކަތް މެދުކަނޑާލި އިރު ކުރިއަށް ދިޔައީ ކަނބޯރަނި ހިނގުމުގައި ތާރުއެޅުމުގެ މަސައްކަތެވެ.

ގާތްގަނޑަކަށް 12،000އަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ކުޅުދުއްފުށީގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ފަށާފައި ވަނީ، މިއަހަރުގެ އޯގަސްޓް މަހުގެ 31 ވަނަ ދުވަހުއެވެ.

މިއަހަރު ނިމުމުގެ ކުރިން ކުޅުދުއްފުށީގެ 5.8 ކިލޯ މީޓަރުގެ ދިގު ސަރަހައްދެއްގައި ތާރު އަޅާ ނިންމާލުމަށް މަސަތްކަތް ކުރަމުން ދާކަމަށް އެމްއާރްޑީސީން މީގެ ކުރީން ވަނީ ބުނެފައެވެ.

ޖުމުލަ 14 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް އެ ކުންފުނިން މިއަހަރު ތެރޭގައި ފަށައިފައި ވާއިރު، އޭގެ ތެރޭން 12 ރަށެއްގެ މަސައްކަތް މި އަހަރު ތެރޭ ނިންމާލުމަށް މަސައްކަތްކުރަމުން ދާކަމަށް ވެސް އެމްއާރްޑީސީން ވަނީ ބުނެފައެވެ.