11 Nov 2017, 10:17
މަގްބޫލު 'ރޭސް' ފްރެންޗައިޒްގެ ތިން ވަނަ އިންސްޓޯލްމަންޓް 'ރޭސް 3'ގެ ޝޫޓިން އިއްޔެ ފަށައިފި އެވެ.
ބޮލީވުޑްގެ ކާމިޔާބު ކޮރެއޮގްރަފާރު އަދި ޑައިރެކްޓަރު ރޭމޯ ޑިސޫޒާ ޑައިރެކްޓު ކުރާ ފިލްމުގެ ޝޫޓިން ފެށިކަން ހާމަކޮށްފައި ވަނީ ފިލްމުގެ ލީޑު އެކްޓަރު ސަލްމާން ޚާން ކުރި ޕޯސްޓެއްގައެވެ.
'ރޭސް 3' ގެ ޝޫޓިން ފަށާފައި ވާއިރު ފުރަތަމަ ދެ ފިލްމާ ޚިލާފަށް، 'ރޭސް 3'ގެ ކާސްޓް މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. 'ރޭސް'ގެ ފުރަތަމަ ދެ ފިލްމުގައި ވެސް ލީޑު ރޯލުން ފެނިގެން ދިޔައީ ސައިފް އަލީ ޚާން އެވެ. ނަމަވެސް މިފަހަރު ސައިފްގެ ބަދަލުގައި ފެނިގެން ދަނީ ސަލްމާން އެވެ. ފިލްމުގެ އަންހެން ލީޑަކީ ޖެކްލީން އެވެ.
ރަމޭޝް ޓޮރާނީ ޕްރޮޑިއުސް ކުރާ 'ރޭސް 3' ގައި ސަލްމާން އާއި ޖެކްލީންގެ އިތުރުން ދެން ފެނިގެން ދާނީ ބޮބީ ޑިއޯލް އާއި ޑެއިޒީ ޝާހް، ފްރެޑީ ދާރޫވާލާ އަދި ސާގިބް ސަލީމް އެވެ. އަނިލް ކަޕޫރު އަކީ 'ރޭސް'ގެ ފުރަތަމަ ދެ ފިލްމުގައި ވެސް މުހިންމު ރޯލަކުން ފެނިގެން ދިޔަ ތަރި އެކެވެ. އެހެން ނަމަވެސް 'ރޭސް 3'ގައި އަނިލްގެ ރޯލެއް ނުހިމެނޭނެ އެވެ.