04 Aug 2011, 15:26
މަތީ ކޯޓުތަކުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އަނެއްކާ ވެސް ހުޅުވާލައިފައިވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން ]ޖޭއެސްސީ[ އިން ބުނެފި އެވެ.
ސުޕީރިއާ ކޯޓަށް ފަނޑިޔާރުން ބޭނުން ވެގެން ފުރަތަމަ އިޢުލާން ކޮށްފައި ވަނީ މިދިޔަ މަހުގެ ހަ ވަނަ ދުވަހު އެވެ.
ޖޭއެސްސީން ބުނީ ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލީ ސުޕީރިއާ ކޯޓަށް ފަނޑިޔާރުން އައްޔަންކުރުމުގައި މާކްސް ދޭނެ ގޮތުގެ ކްރައިޓީރިއާގެ ދެ ވަނަ ނަންބަރުގައިވާ ތަޖުރިބާއަށް މާކްސް ދިނުމުގެ ބަޔަށް އިސްލާސެއް ގެނެސްފައިވާތީ ކަމަށެވެ.
ނަމަވެސް ފުރަތަމަ ކުރި އިޢުލާނާ ގުޅިގެން ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުކަމަށް ކުރިމަތިލީ ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށަހަޅާކަށް ނުޖެހޭނެ ކަމަށް ޖޭއެސްސީން ބުންޏެވެ.
މިފަހަރު ވެސް ފަނޑިޔާރުން ހޯދުމަށް އިޢުލާން ކޮށްފައި ވަނީ ސުޕީރިޔާ ކޯޓުތަކުގެ ތެރެއިން ސިވިލްކޯޓާއި ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓަށެވެ. މި ކޯޓުތަކުގެ ތެރެއިން ސިވިލް ކޯޓަށާއި ކްރިމިނަލް ކޯޓަށް ނެގުމަށް ހަމަޖެހިފައި ވަނީ ކޮންމެ ކޯޓަކަށް ދެ ފަނޑިޔާރުންނެވެ. އަދި ފެމެލީ ކޯޓަށް ނެގުމަށް ހަމަޖެހިފައި ވަނީ ތިން ފަނޑިޔާރުންނެވެ.