10 Nov 2017, 23:12
ކޮރަޕްޝަނާ ދެކޮޅަށް ސައުދީ ސަރުކާރުން އަޅަންފަށައިފައިވާ ފިޔަވަޅުތަކުގެ ދަށުން، ހައްޔަރުކުރި ޕްރިންސުންނަށް އަނިޔާކުރުމުގެ ސަބަބުން ބޮޑެތި އަނިޔާތައް ލިބިފައިވާކަމަށް އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ މިޑުލް އީސްޓް އައިއިން ބުނެފިއެވެ.
ސައުދީ ރިޔާސީ ގަނޑުވަރުގެ ތެރެއިން ލިބުނު މައުލޫމާތުތަކެއްގެ މައްޗަށް މިޑުލް އީސްޓް އައިއިން ރިޕޯޓް ކުރިގޮތުގައި ހައްޔަރުކޮށްފައިވާ ޕްރިންސުންގެ ތެރޭގައި ސައުދީ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ ޕްރިންސް ބަންދާރު ބިން ސުލްތާން ވެސް ހިމެނެއެވެ.
ބަންދާރަކީ ސައުދީން އެމެރިކާއަށް ކަނޑައަޅައިފައިވާ ކުރީގެ ސަފީރުވެސް މެއެވެ.
ކޮރަޕްޝަނާ ދެކޮޅަށް ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އަލް ސައުދު އެކުލަވައިލައިފައިވާ ކޮމެޓީން ވަނީ އެތަކެއް ޕްރިންސަކާއި މިނިސްޓަރުން ހައްޔަރުކޮށްފައެވެ.
އަނިޔާ ލިބުނު ޕްރިންސުން ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށްވެސް އެ ނޫހުގައި ވަނީ ރިޕޯޓްކޮށްފައެވެ.
ސައުދީގެ އެޓާނީ ޖެނެރަލް ޝެއިހް ސައުދު އަލް މުޖީބު ވިދާޅުވީ ކޮރަޕްޝަނުގެ މައްސަލައިގައި މިހާތަނަށް 208 މީހުންނާ ސުވާލުކޮށްފައިވާ ކަމަށެވެ.
ހައްޔަރުކޮށްފައިވާ ޕްރިންސުން 100 ބިލިއަން ޑޮލަރުގެ ހިޔާނާތްތެރިވެފައިވާ ކަމަށް ސައުދީ ސަރުކާރުން ތުހުމަތުކުރެއެެވެ.
ސައުދީން އިއްޔެ ވަނީ ކުރީގެ ވަލީއަހަދު ޕްރިންސް މުހައްމަދު ބިން ނާއިފްގެ އެކައުންޓެއްވެސް ފްރީޒް ކޮށްފައެެވެ.
ގިނަ މާހިރުން ބުނާގޮތުގައި މުހައްމަދުގެ އެ އަމަލަކީ ވެރިކަމުގެ ބާރުތައް އޭނާގެ މުށުތެރެއަށްލުމަށް ހިންގަމުންދާ ކަންތައްތަކެކެވެ.