10 Nov 2017, 22:41
ނެޝެނަލް އާޓް ގެލަރީގައި މިހާރު ކުރިއަށް ގެންދާ މޯލްޑިވްސް މެޑިކަލް ހެލްތު އެކްސްޕޯ އެކްޒިބިޝަންގައި ހިޖާމާއާ ބެހޭ މުހިންމު މައުލޫމާތުތަކެއް ދިނުމަށް ހަަމަޖެހިފައިވާ ކަމަށް އެކްސްޕޯ އިންތިޒާމް ކުރި އެމްވީ މެޑިކަލްސްގެ މެނޭޖިން ޑައިރެކްޓަރު އިސްމާއިލް ޝިއުތު ވިދާޅުވެއްޖެއެވެ.
މީގެ ތިންމަސް ކުރިން މުލިއާގެ ކައިރީގައި ހުޅުވި އޮމްނިކުރިސް ކްލިނިކުން ހެލްތު އެކްސްޕޯގައި ކުރިއަށްގެންދާ ސެޝަން މާދަމާ ރޭ ހަތަކުން އަށަކަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
އޮމްނިކުރިސް ކްލިނިކުގެ ޑޮކްޓަރެއް ކަމަށްވާ ޑރ. އިބްރާހިމް ސައީދު "ސަން" އަށް ވިދާޅުވީ، ހެލްތު އެކްސްޕޯގައި ގެންދާ ސެޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނި ތިން ބަޔަށް ބަހައިލައިގެންނެވެ.
އެގޮތުން ފުރަތަމަ ސެޝަންގައި މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ ހިޖާމާއަކީ ކޮންއެއްޗެއް ކަމާއި އެ އުފެދުނު ގޮތާއި އަދި ރާއްޖެއާއި ދުނިޔޭގައި ހިޖާމާކުރިއަރައިފައިވާ ގޮތާ ބެހޭގޮތުން ކަމަށް ސައީދު ވިދާޅުވިއެވެ.
ޑރ. ސައީދު ވިދާޅުވީ ދެވަނަ ސެޝަންގައި ދީނީ ގޮތުން ހިޖާމާދިނުމާ ބެހޭގޮތުން ޝޭހަކު މައުލޫމާތު ދެއްވާނޭ ކަމަށެވެ.
ތިންވަނަ ސެޝަންގައި ހިޖާމާޖަހާއިރު ބޭނުންކުރާ އާލާތްތައް " ސްޓެރެލައިޒް" ކުރުމުގެ މުހިންމުކަމާ ބެހޭގޮތުން މައުލޫމާތު ދޭނެ ކަމަށް ވެސް ޑރ. ސައީދު ވިދާޅުވިއެވެ.