10 Nov 2017, 20:18
ސިއްހީ ގިނަ މައުލޫމާތުތައް އާންމުންނަށް ދިނުމަށް އިއްޔެ އާޓްގެލަރީގައި ހުޅުވި ހެލްތު އެކްސްޕޯ އަށް ފުރަތަމަ ދުވަހުވެސް 1000 އަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފިއެވެ.
ހެލްތު އެކްސްޕޯ އިންތިޒާމް ކުރާ އެމްވީ މެޑިކަލްސްގެ މެނޭޖިން ޑައިރެކްޓަރު އިސްމާއިލް ޝިއުތު "ސަން" އަށް ވިދާޅުވީ މިއަހަރުގެ އެކްސްޕޯއަށް ލިބުނު ތަރުހީބު ކުރީއަހަރާ ބަލާއިރު މާބޮޑުކަމަށެވެ.
އޭނާ ވިދާޅުވީ އެކްސްޕޯއަށް ޒިޔާރަތްކުރި ގިނަބަޔަކަށް ގިނަ މައުލޫމާތުތަކެއް ލިބުނު ކަމަށާއި ގިނަބަޔަކު ތިބީ ހިތްހަމަޖެހިފައި ކަމަށެވެ.
ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ)ގެ ސްޓޯލުން ހަކުރާއި، ލޭގެ ޕްރެޝަރު ހުރިވަރު ޓެސްޓްކުރުމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް ޝިއުތު ވިދާޅުވިއެވެ.

އާޓް ގެލަރީގައި ކުރިއަށްގެންދާ މެޑިކަލް އެކްސްޕޯގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ހެލްތު އެކްސްޕޯއިން މިރޭ ދެ ސެޝަނެއް ދަނީ ކުރިއަށް ގެންދަމުންނެވެ. އޭގެ ތެރޭގައި ފަސްޓް އެއިޑް އެވެއާނަސް ސެޝަނަކާއި ތެލެސީމިއާއިން ރައްކާތެރިވާނެގޮތުގެ މައުލޫމާތުދިނުމަށް ހަމަޖެހިފައިވާ ސެޝަނެއް ހިމެނެއެވެ.
ތިން ދުވަހަށް ކުރިއަށް ގެންދާ ހެލްތު އެކްސްޕޯގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހޮސްޕިޓަލުތަކާއި އެތަންތަނުން ލިބޭ ޚިދުމަތްތަކުގެ މައުލޫމާތު ލިބިގެންދާނެ ކަމަށް ޝިއުތު ވިދާޅުވިއެވެ. ޝީ އާއި ކެންސަރު ސޮސައިޓީ އާއި ޓޯޓަލް ފިޓްނަސް ގްރޫޕު ހިމެނޭގޮތަށް ގިނަ އަދަދެއްގެ އެންޖީއޯތަކެއް ވަނީ އެ އެކްސްޕޯގައި ބައިވެރިވެފައެވެ.

އާޓް ގެލަރީގައި ކުރިއަށްގެންދާ މެޑިކަލް އެކްސްޕޯގެ ތެރެއިން ---
ޝިއުތު ވިދާޅުވީ ރާއްޖެއިން ސިއްހީ ފަރުވާ ލިބެން ހުރި ކުދިކުދި ކަންކަމުގައިވެސް ރާއްޖެއިން ބޭރަށް ފަރުވާ ހޯދަމަށްދާ ކަމަށެވެ. އަދި އެފަދަ ކަންކަން މެދުވެރި ވަނީ ރަނގަޅު މައުލޫމާތު އާންމުންނަށް ލިބިފައިނުވާތީ ކަމަށާއި އެ އެކްސްޕޯގެ މަގުސަދަކީ އެފަދަ މުހިންމު މައުލޫމާތުތައް އާންމުނަށް ފޯރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
ހެލްތު އެކްސްޕޯއަށް ވަނުމުގެ ފުރަސަތު އާންމުންނަށް ހުޅުވައިލައިފައި ވަނީ ހިލެއެވެ.