04 Aug 2011, 15:14
ހުކުމް ތަންފީޒު ކުރުމަންދާ 400 އެއްހާ ގައިދީން ދެވަނަ ފުރުސަތުގެ ދަށުން ދޫކޮށްލުމަށް ސަރުކާރުން ނިންމި ނަމަވެސް ގައިދީންގެ ބައެއް ބެލެނެވެރިން އެ މީހުންނާ ހަވާލުވާން ބޭނުން ނުވާ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހިބިލިޓޭޝަން ސާވިސް )ޑީޕީއާރްއެސް(ގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނައީމް )މޮނާޒާ ނައީމް( މިއަދު ވިދާޅުވީ ދެވަނަ ފުރުސަތުގެ ދަށުން ދޫކޮށްލާ ގައިދީންނާ ހަވާލުވާން ބޭނުންނުވާ ކަމަށް ބުނެ، އެ މީހުންގެ ބެލެނެވެރިން އެދެމުންދިޔަޔަސް، އެ މީހުން އަނބުރާ މުޖުތައުއަށް ގެނެސް ދެވަނަ ފުރުސަތު މިސަރުކާރުން ދޭނެ ކަމަށެވެ.
ނައީމް ވިދާޅުވީ ބެލެނެވެރިންގެ ބެލުމުގެ ދަށުގައި ނުބެހެއްޓޭ ގައިދީންތައް ސަރުކާރުގެ އެކަމަޑޭޝަނާއެކުގައި ހުންނަ ވަޒީފާއެއް ސަރުކާރުން ހޯދަދޭނެ ކަމަށެވެ. އަދި ވަޒީފާގައި އުޅެމުން "އެނާ މީހަކަށް" ވުމުން އާއިލާއިން ބަލައިގަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މޮނާޒާ ނައީމް ވިދާޅުވި އެވެ.
"އިއްޔެ އަޅުގަނޑުމެންނަށް ލިބުނު ފޯމްތައް ފުރައިގެން ގެނައި ބެލެނެވެރިން ބުނެފައި އެބަހުރި] އެ މީހުން[ އަޅުގަނޑުމެން ބަލައިގަންނަށް ބޭނުމެއް ނޫނޭ. ތިމަންނަމެން ގެއަށް ވައްދައިގެން ނުވާނެއޭ. ތިނާ ރަގަނޅޭ އަދި ކަލޭމެން ބުންޏަސް އަދި އޭނާ ރަގަނޅެއް ނުވެސް ކުރެވޭނެއޭ. އެހެންމަވެސް އޭނައަށް އެފުރުސަތު ލިބޭނެ. އޭނާ އަޅުގަނޑުމެން ސަރުކާރުގެ އެކަމަޑޭޝަނާއެއްކޮށް ހުންނަ މަސައްކަތު ދާއިރާއަކަށް ބަދަލު ކުރާނެ،" ނައީމް ވިދާޅުވި އެވެ.
މިނިވަން ދުވަހުގައި ދެވަނަ ފުރުސަތުގެ ދަށުން ދޫކޮށްލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި 400 ވަރަކަށް ގައިދީންތަކުގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެއްޗާ ގުޅުންހުރި މީހުން ކަމަށާއި އެ މީހުންގެ ތެރޭގައި "ކުދި ކުދި ވައްކަމާއި ޗެކްބައުންސް ވުމުގެ" މައްސަލަތަކުގައި ބެދޭ މީހުން ވެސް ހިމެނޭނެ ކަމަށް ނައިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދެވަނަ ފުރުސަތުގެ ދަށުން ދޫކޮށްލާ ގައިދީން ތިން އަހަރުވަންދެން އެއްވެސް ކުށަކަށް އަރައި ނުގަނެ، ދެ އަހަރު ދުވަސް ވަންދެން ސަރުކާރުން ހިންގާ ހާއްސަ ޕްރޮގްރާތްތަކުގައި ބައިވެރިވާންޖެހޭނެ ކަމަށެވެ. އަދި ތިން އަހަރު ފަހުން އާންމު ފަރުދުން ފަދައިން މިނިވަންވެގެންދާނެ ކަމަށް ނައިމް ވިދާޅުވި އެވެ.
ދެވަނަ ފުރުސަތުގެ ދަށުން ދޫކޮށްލާ މީހުނަށް ހާއްސަ ޕްރޮގްރާތްތަކެއް މިހާރު ވެސް އުގަންނައިދެމުންދާ ކަމަށާއި އެ ގޮތުން ލައިފްސްކިލް ޕްރޮގްރާމްތަކާއި ދީނުގެ ރުކުންތައް އެނގޭ މިންވަރު ވެސް ބަލަމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދެވަނަ ފުރުސަތުގެ ދަށުން ދޫކުރާ ބައެއް ގައިދީން މި މަހުގެ 9، 10، 11 އެހާ ހިސާބުގައި މުޖުތަމައުއަށް ދޫކުރެވޭ ވަރު ވާނެ ކަމަށާއި އެ މީހުން ދޫކުރާނީ އެމީހަކު ނިސްބަތްވާ ދާއިރާ ނުވަތަ އަތޮޅަކަށް ކަމަށެވެ. އެ ގޮތުން ރާއްޖޭގެ 77 ދާއިރާގައި ދޫކުރަމުންދާ ގައިދީން ހަރަކާތްތެރިވަމުންދާ ގޮތް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން މޮނީޓާ ކުރަމުންދާނެ ކަމަށް ނައިމް ވިދާޅުވި އެވެ.
ދެވަނަ ފުރުސަތުގެ ދަށުން 400 އެއްހާ ގައިދީން މުޖުތައުއަށް ދޫކުރާނީ އެކި "ބެޗް" ބެޗަށް ކަމަށް އޭނާ ވިދާލުވި އެވެ.