22 May 2010, 07:10
12:00
ދުބާއީން ފުރައިގެން އައިސް އިންޑިއާގެ މެންގަލޫރަށް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓުނު އެއާ އިންޑިއާގެ ބޯޓުގައި އެއްވެސް ދިވެއްސެއް ދަތުރުކުރި ކަމެއް އަދި މިހާތަނަށް އެނގިވަޑައިގެންފައިނުވާ ކަމަށް އިންޑިއާގައި ހުންނަވާ ދިވެހި ހައިކޮމިޝަނަރު އަބްދުލް އަޒީޒު ޔޫސުފު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ނިއު ދިއްލީގައި ހުންނެވި އަޒީ މިއަދު ވިދާޅުވީ ފްލައިޓުގެ މެނިފެސްޓް މިހާރު ލިބިފައިވާ ކަމަށާއި އަދި އޭގެ ތެރޭގައި ހިމެނޭ ގިނަ ނަންތަކަކީ މުސްލިމް ނަން ތަކެއް ކަމަށެވެ. އަދި އެފްލައިޓުން ދަތުރުކުރި ގިނަ މީހުންނަކީ ކެރަލާ އަށް ނިސްބަތްވާ މީހުން ކަމަށް މައުލޫމާޓު ލިބިފައިވާ ކަމަށް ވެސް އަޒީ ވިދާޅުވި އެވެ.
ބޯޓު ވެއްޓުނު މެންގަލޯރަކީ، ބެންގަލޯރާ ކައިރީގައި އޮންނަ ރަށެއް ކަމަށް ވިޔަސް، އެއީ ދިވެހިން އާންމުކޮށް ގޮސް އުޅޭ މަންޒިލަކަށް ނުވާތީ، ވެއްޓުނު ބޯއިން 737 މަރުކާގެ ބޯޓުގައި ދަތުރުކުރި 160 ފަސިންޖަރުންގެ ތެރޭގައި ދިވެއްސަކު ހިމެނުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް އަޒީ ވިދާޅުވި އެވެ.
މިއަދު ހެނދުނު 6:30 ހާއިރު ވެއްޓުނު އެ ބޯޓުގައި 160 ފަސިންޖަރުންގެ އިތުރުން ހަ ކުރޫން ތިބިކަން އެނގިފައިވާ ކަމަށް މެންގަލޫރު ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރ އާރު.ރަމޭޝް ވަނީ ވިދާޅުވެފައެވެ. އަދި ބޯޓު ވެއްޓިފައި ވަނީ ރަންވޭ އަށް ޖައްސަން އައިސް ރަންވޭ ފަހަނައަޅާ މާ ދުރަށް ދިއުމަށްފަހުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅިގެން އިންޑިއާގެ ކަރްނާޓަކާ ސްޓޭޓުގެ ހޯމް މިނިސްޓަރު ވީ.އެސް އަޗަރުޔާ ވިދާޅުވެފައި ވަނީ ބޯޓުގައި ދަތުރުކުރި 166 މީހުންގެ ތެރެއިން 160 މީހުން މަރުވެފައިވާއިރު އިތުރު ފަސްވަރަކަށް މީހުންނަށް ފަރުވާ ދިނުމަށްޓަކައި އެސްޓޭޓުގެ ހޮސްޕިޓަލަކަށް ގެންގޮސްފައިވާ ކަމަށާއި އެހެން ނަމަވެސް އެމީހުންނަށް ލިބިފައި ވަނީ ކިހާވަރެއްގެ ގެއްލުމެއްކަން އަދި ޔަގީންވެފައިނުވާ ކަމަށެވެ.
އެއާ އިންޑިއާއިން ބުނެފައި ވަނީ މި ހާދިސާއާ ގުޅިގެން އަދި މިހާތަނަށް ސަލާމަތްވެފައިވަނީ އަށް މީހަކު ކަމަށެވެ.
އިންޑިއާގެ ޓީވީ ޗެނަލެއް ކަމަށްވާ ޓީވީ ނައިން އާ ވާހަކަ ދައްކަމުން މިހާދިސާގައި ސަލާމަތްވި މީހަކު ބުނެފައި ވަނީ އެކްސިޑެންޓްވީ ވަގުތު ފުރޮޅުތައް ފަޅައިގެންދިޔަ ކަހަލަ އަޑުފަށްގަނޑެއް ގޮވުމަށް ފަހު ބޯޓު ދެފަޅިއަށް ބުރިވެގެންދިޔަ ކަމަށާއި އެވަގުތު އޭނާ ބޯޓުން ފުންމާލީ ކަމަށެވެ. އަދި އޭނާއާއެކު އިތުރު ދެމީހަކު ވެސް ބޯޓުން ފުންމާލިތަން ދުށް ކަމަށް ވެސް އޭނާ ކިޔައިދިނެވެ.
މެންގަލޫރު ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު ރަމޭޝް ވިދާޅުވެފައި ވަނީ ބޯޓު ވެއްޓެން ދިމާވި ސަބަބު އަދި އެނގިފައިނުވި ނަމަވެސް މެންގަލޫރަށް ވަރަށް ވިއްސާރަ ކުރަމުންދާ ކަމަށާއި އެހެންވެ މަރުވި މީހުން ހޯދުމުގައި ވިއްސާރައިގެ ސަބަބުން ދަތިތަކާ ކުރިމަތިވަމުންދާ ކަމަށެވެ.
ބޯޓު ވެއްޓިފައިވާ މަންޒަރު އެންޑީޓީވީން ދެއްކިއިރު ބޯޓުގައި އަލިފާން ރޯވެ ބޯޓުން ވަރަށް ގިނައިން ދުން އަރަމުންދިޔަތަން ވަނީ ފެނިފައެވެ. ވީޑިއޯތައް ދައްކާ ގޮތުގައި މެންގަލޫރުގެ އެއާޕޯޓުގެ ރަންވޭއިން ކައްސާލައިގެން ގޮސް އެބޯޓު އެކްސިޑެންޓް ވެފައިވަނީ ބޯ ޖަންގައްޔެއްގެ ތެރެއަށެވެ.
ގޮނޑުދޮށާއި ކައިރި މެންގަލޫރަކީ، ބެންގަލޫރާ 320 ކިލޯމީޓަރުގައި ދުރުގައި އޮންނަ ތަނެކެވެ.
މި ހާދިސާ އަކީ ވޭތުވެދިޔަ ދިހަވަރަކަށް އަހަރުތެރޭ އިންޑިއާގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި ހާދިސާ އެވެ.