ކޮރަޕްޝަނާ ދެކޮޅަށް ސައުދީން ފިޔަވަޅުތައް އަޅަން ފަށާފައިވާތީ އެ ގައުމުގެ ބިލިއަނަރުންގެ 800 ބިލިއަން ޑޮލަރުގެ މުދަލާއި ފައިސާ ގައުމުން ބޭރުކުރަން ނިންމައިފިއެވެ.

ސައުދީގެ އެންމެ މުއްސަނދި އާއިލާތަކުން މިހާރު ދަނީ އެމީހުންގެ މުދަލާއި ފައިސާ ގައުމުން ބޭރުކުރުމަށްޓަކައި ބޭންކްތަކާ ވާހަކަ ދައްކަމުންނެވެ. މުދަލާއި ފައިސާ ބޭރުކުރަން ސައުދީގެ ބިލިއަނަރުން އުޅެނީ އެތަކެތި ފްރީޒްކުރަން އެ ގައުމުގެ ސަރުކާރުން އުޅޭތީއެވެ.

ސައުދީ ސަރުކާރުން މިހާތަނަށް ވަނީ 1700 އަށްވުރެ ގިނަ ބޭންކް އެކައުންޓްތައް ފްރީޒްކޮށްފައެވެ.

ސައުދީގެ އެޓާނީ ޖެނެރަލް ސައުދު އަލް މުޖީބު ވިދާޅުވީ ކޮރަޕްޝަންގެ މައްސަލައިގައި މިހާތަނަށް 208 އަށް ވުރެ ގިނަ މީހުންނާ ސުވާލުކޮށްފައިވާ ކަމަށެވެ. އަދި ކޮރަޕްޝަން ހިމެނޭ މައްސަލަތަކުގައި އެތަކެއް ސަތޭކަ ބިލިއަން ޑޮލަރުގެ ޚިޔާނާތްތައް ހިމެނޭކަމަށް ވެސް ސައުދު ވިދާޅުވިއެވެ.

އެ މައްސަލާގައި މިހާތަނަށް 11 ޕްރިންސަކާއި އަދި 38 މިނިސްޓަރުން ހައްޔަރުކޮށްފައި ވާއިރު އެ އެންމެންގެ މުދާތައް ވެސް ވަނީ ފްރީޒްކޮށްފައެވެ. ކޮރަޕްޝަނުގެ މައްސަލައިގައި ސުވާލުކުރަމުންދާ އިތުރު މީހުންގެ ނަންތައް މިހާތަނަށް ސައުދީން ހިއްސާކޮށްފައެއް ނުވެއެވެ.

ބްލޫމްބާގު ނޫހަށް މައުލޫމާތު ދިން ބައެއް މީހުން ބުނިގޮތުގައި ސައުދީގެ ބައެއް މުއްސަނދިން މިހާރުވެސް ދަނީ ފައިސާގެ ބޭނުމުގައި އަވަަށްޓެރި ގައުމުތަކުގައި ކޮށްފައިވާ އިންވެސްޓްމަންޓްތައް ވިއްކަމުންނެވެ.

މުއްސަނދިން ހައްޔަރުކުރުމާއެކު ގަލްފް ސަރަހައްދުގެ ހިއްސާގެ ބާޒާރަށްވެސް ދަނީ ވަރަށް ބޮޑަށް އަސަރުކުރަމުންނެވެ. ގިނަ މީހުން މިހާރުވެސް ދަނީ ހިއްސާތައް ވިއްކަމުންނެވެ.

އިންވެސްޓަރުންގެ އިތުބާރު ހިފެހެއްޓުމުގެ ގޮތުން ސައުދީން ބުނީ ގިނަ ބަޔަކު ހައްޔަރުކުރިކަމުގައި ވިޔަސް އެގައުމުގެ ވިޔަފާރިތަކަށް އަސަރުނުކުރާނެ ކަމަށެވެ.

ޝާހީ އާއިލާގެ ބޭފުޅުންގެ އިތުރުން ސައުދީން ވަނީ އެގައުމުގެ ވަރަށް ނުފޫޒު ގަދަ ބޭފުޅުން ވެސް ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ސައުދީގެ އެންމެ ބޮޑު ޓްރެވަލް ކުންފުނި އަލް ތަޔާރުގެ ވެރިޔާ ޑރ. ނަސީރު ބިން އަގީލް އަބްދުﷲ އަލް ތަޔާރުގެ އިތުރުން މަޝްހޫރު ބިން ލާދިން ކޮންސްޓްރަކްޝަން ގްރޫޕްގެ ޗެއާމަން ބަކްރު ބިން ލާދިން އާއި އެގައުމުގެ އެމްބީސީ ޓެލެވިޒަން ނެޓްވާކުގެ ވެރިޔާ ވަލީދު އަލް އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ.