10 Nov 2017, 16:55
ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގެ އަސާސީ ގަވައިދާ އެއްގޮތްވާގޮތުގެ މަތީން އެޕާޓީ ނުހިންގާކަމަށް ވިދާޅުވެ، ޑީއާރްޕީގެ ކައުންސިލް މެންބަރު އަސްޢަދު ޝަރީފް އެ ޕާޓީން އިސްތިއުފާދެއްވުމަށް ހުށަހަޅުއްވައިފިއެވެ.
އަސްއަދުވަނީ، ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހު، އޭނާ ޑީއާރްޕީން ވަކިވާން ބޭނުންކަމަށް ވިދާޅުވެ އެޕާޓީއަށް ހުށަހަޅައިފައެވެ.
ޑީއާރްޕީގައި 14 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވުމަށް ފަހު، އެޕާޓީން ވަކިވުމަށް ނިންމެވި ނިންމުމާ ގުޅޭގޮތުން އަސްޢަދު "ސަން"އަށް ވިދާޅުވީ، ޑީއާރްޕީ މިއަދު ވަނީ ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހާ ބީރައްޓެހި، އަދި ހިންގުމުގައި ބުރަހެލި ޕާޓީއަކަށް ވެފައި ކަމަށެވެ.
"މެދުކެނޑުމެއް ނެތި ތަކުރާރުކޮށް އެތައް އެހީތެރިކަމެއް އަޅުގަނޑުވާނީ ޕާޓީއަށް ވެދީފައި. އަދި މިހާރުވެސް ދެމުން ގެންދިޔަ ނަމަވެސް ބިނާކުރަނިވި އެ ޚިޔާލުތަކާއި އިންސާނީ ވަސީލަތްތައްވެސް ހިފާފައެއް ނުވޭ،" ޑީއާރްޕީން ވަކިވާން ނިންމެވި ސަބަބު އޮޅުންފިލުވައިދެއްވަމުން އަސްއަދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޑީއާރްޕީގެ އަސާސީ ގަވާޢިދުގައިވާ ގޮތަށް، އެޕާޓީން ކައުންސިލް މީޓިންތައްވެސް ބާއްވަމުން ނުގެންދާ ކަމަށާއި، މި ޒަމާނާ އެކަށީގެންވާ ގޮތުގެމަތީން ޕާޓީ ހިންގުމުގައި އެކަށީގެންވާ މިންވަރާ ގާތަށް ވެސް އެ ޕާޓީން މަސައްކަތްކުރާތަން ނުފެންނާތީ ޕާޓީގެ މެންބަރެއްގެ ހައިސިއްޔަތުން ލަދުވެތިވާ ކަމަށެވެ.
"ސަރުކާރާއެކު ހަދާފައިވާ ކޯލިޝަނުގައިވެސް ފެންނަނީ ޕާޓީ ޕެރަލައިޒް ވެފައިވާ މަންޒަރު. ޑީއާރްޕީގެ ހައިސިއްޔަތާއި ދައުރު އަދާކުރުމުގައި ޖަލްސާތަކާ ހަފްލާތަކުން ފެންނަނީ އެންމެ ގޮނޑިއެއްގެ މިންވަރު. ބަލައިލި ކޮންމެ ދިމާލަކުންވެސް ފެންނަނީ ހަމަ އެއް އަދަދަކުން އެއް ތަސްވީރެއް،" އަސްޢަދު ވިދާޅުވިއެވެ.
"ޕާޓީއަށް ލިބޭ ހުތުރު ފޫބެއްދުމަށް ކުރެވެން ހުރި ކަންކަން ކުރެއްވުމަށް ހިތްވަރުދެމުން، މިކަންކަން ރަނގަޅުކުރުމަށް އަޅުގަނޑު ވާނީ، ޑީއާރްޕީގެ ލީޑަރަށާއި އެސްޖީއަށް ވެސް ތަކުރާރުކޮށް ދަންނަވާފައި."

ޑީއާރްޕީގެ ވަގުތީ ލީޑަރު ކާނަލް މުހައްމަދު ނަޝީދާ ރައީސް މައުމޫން ބައްދަލު ކުރައްވަނީ-- ފޮޓޯ/ މައުމޫން ޓުވިޓާ
ކުރިން ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ގޮތުގައި އޮތް ޑީއާރްޕީ، ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ޕާޓީގެ އިސް ފަރާތްތައް އެކި ފަރާތްތަކަށް ގޮސް، މިހާރު އެ ޕާޓީގެ ވަގުތީ ލީޑަރެއްގެ ގޮތުގައި ހުންނެވީ މުހައްމަދު ނަޝީދު (ކާނަލް ނަޝީދު)އެވެ.
އަސްއަދު ޕާޓީން ވަކިވާން އެދުނު މައްސަލައިގައި އެ ޕާޓީގެ ވަގުތީ ލީޑަރު ނަޝީދު ވިދާޅުވީ، "އަސްއަދު ވަނީ ކުރީންވެސް ޕާޓީން ވަކިވެފައި،" ކަމަށެވެ.
"ފިންގަރ ޕްރިންޓް މައްސަލަ ދިމާވި ދުވަސްވަރު އަސްޢަދު ވަނީ މި ޕާޓީން ވަކިވެފައި. އެ މައްސަލައިގައި އަސްޢަދު ނޫން އިތުރު ކައުންސިލް މެންބަރުންވެސް ޕާޓީން ވަކިވި،" ކާނަލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޑީއާރްޕީ ވަރަށް އަވަހަށް، ހަމައަކަށް އަޅުވާނޭ ކަމަށާއި، އެގޮތުން އަންނަ އަހަރުގެ ކުރީކޮޅުގައި ޕާޓީގެ ކޮންގްރެސް ބާއްވަން މަސައްކަތްކުރައްވަމުން ދާ ކަމަށެވެ.
"އަޅުގަނޑުމެން ޕާޓީއަށް ދިމާވެފައި މިވަނީ މާލީ މައްސަލަތަކެއް. ކޮންގްރެސްއެއް ބާއްވަންވެސް ގާތްގަނޑަކަށް ހައެއްކަ މިލިއަން ރުފިޔާ އެބަ ޚަރަދުވޭ. އެހެން ނަމަވެސް އިރާދަކުރެއްވިއްޔާ މި އަޑިގަނޑުން ވަރަށް އަވަހަށް މި ޕާޓީ އަރައިގަންނާނެ،" ޑީއާރްޕީގެ ވަގުތީ ލީޑަރު ވިދާޅުވިއެވެ.
މިވަގުތު މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެންބަރެއްގެ ގޮތުގައިވެސް ހުންނެވި އަސްޢަދު ވިދާޅުވީ، އިސްލާޙެއް ކުރިއެރުމެއް ފެންނަމުން ނުދާ ޕާޓީއެއްގައި މިހާރު ހުރެވެނީ "އަވާމެންދުރެއްގެ ތެރޭގައި ކަމަށް ގަބޫލުކުރެވޭތީ" ޑީއާރްޕީގެ ކައުންސިލް މެންބަރެއްގެ ގޮތުގައާއި އަދި އާންމު މެންބަރެއްގެ ގޮތުގައި ހުރުމަށްވެސް އޭނާގެ ޟަމީރު ތަންނުދޭކަމަށެވެ. އެހެންކަމުން ޑީއާރްޕީން ވަކިވާން ނިންމީ ކަމަށެވެ.
ކުރިން ދިވެހި ފިލްމީ ދާއިރާއިން ފެނިގެންދިޔަ، އަދި ފަހުން ސިޔާސީދާއިރާއާ ގުޅުމަށް ފަހު، ޤާނޫނީ ދާއިރާއިން މަތީތައުލީމް ޙާޞިލްކުރައްވައިގެން ހުންނެވި އަސްޢަދު ވަނީ، މީގެ ކުރީން ޑީއާރްޕީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށާއި މާލޭ ސިޓީ ކައުންސިލަށް ވާދަކުރައްވައިފައެވެ. އެހެން ނަމަވެސް މަޖިލިސް ރޭހުގައި އޭނާއަށް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހުނީ 70 ވަރަކަށް ވޯޓުގެ ތަފާތުންނެވެ. އަދި ކައުންސިލް އިންތިޚާބުގައި 45 ވަރަކަށް ވޯޓުގެ ތަފާތުން ވަނީ ބަލިވެފައެވެ.
ރައީސް މައުމޫނުގެ ވެރިކަމުގައި އެމަނިކުފާނު އިސްކޮށް ހުންނަވައިގެން އުފެއްދެވި ޑީއާރްޕީއަކީ، ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގައި ދެވަނައަށް ރެޖިސްޓްރީ ކުރި ސިޔާސީ ޕާޓީއެވެ. އެ ޕާޓީ އުފައްދާފައި ވަނީ، 21 ޖޫން 2005ގައެވެ.