10 Nov 2017, 14:57
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ "ސްޓީލް ބޮކްސް ގާރޑާ ބީމް"ތައް އަންނަ އަހަރުގެ ޖެނުއަރީ މަސް ނިމުމުގެ ކުރިން މާލެ ގެނައުމުގެ މަސަތްކަތް ކުރަމުން އަންނަ ކަމަށް ހައުސިންގް މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ޗައިނާއަށް ވަޑައިގެން ސްޓީލް ބޮކްސް ގާރޑާ ބީމްތަކުގެ މަސަތްކަތް ހިނގަމުންދާ ގޮތް ބައްލަވާލައްވައިފައެވެ. އެ ދަތުރުފުޅުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ ބީމްތަކުގެ މަސަތްކަތް ޑިސެމްބަރު މަސް ނިމުމުގެ ކުރިން ނިންމާލައި ރާއްޖެ ގެނެވޭނެ ކަމަށެވެ.
CMFB ge steel box-girder beam thah China gai thayyaaru kurumuge masakkai: January 2018 nimumuge kurin hurihaa beam thah Male geneveyne IA.pic.twitter.com/gUf7Cico0h
— Dr.Mohamed Muizzu (@MMuizzu)November 10, 2017
މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަސް ނިމުމުގެ ކުރިން އެ ބީމްތައް މާލެ ގެނެވޭނެ ކަމަށެވެ. ނަމަވެސް އެ މަސަތްކަތް ލަސްވި ސަބަބެއް މުއިއްޒު ވިދާޅެއް ނުވެއެވެ.
ބްރިޖުގައި މައި ހަތަރު ތަނބު އިންނައިރު، ކޮންމެ ދެ ތަނބެއްގެ ދެމެދުގައި ބީމެއް އިންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ޗައިނާގެ ފެކްޓްރީން ހަދަނީ 50 މީޓަރުގެ ދެ ބީމާއި 22 މީޓަރުގެ ބީމެއް ކަމަށާއި އެތަކެތި މާލެ ގެންނާނީ ފެބްރިކޭޓްކޮށްގެން ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
މާލެއާ ހުޅުލެއާ ދެމެދުގައި އަޅަމުން އަންނަ ބްރިޖްގެ ދިގުމިނުގައި 1.39 ކިލޯ މީޓަރު، އަދި ބުރިޖްގެ ފުޅާ މިނުގައި 20 މީޓަރު ހުރެއެވެ. އެ ބްރިޖުގައި ހަތަރު ފުރޮޅުލީ އުޅަދު ދުއްވާ ދެ ލޭނާއި ސައިކަލު ދުއްވާ ދެ ލޭނާއި ބައިސްކަލު ދުއްވާ ލޭނަކާއި ހިނގާފަ ދާ މީހުންނަށް ވަކި ލޭނެއް އޮންނާނެއެވެ.
ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްއެޅުމަށް ޖުމްލަ 300 މިލިއަން ޑޮލަރު ޚަރަދުވާއިރު ޗައިނާ ސަރުކާރުން 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދޭން ވަނީ ނިންމާފައެވެ. އަދި 170 މިލިއަން ޑޮލަރު ޗައިނާއިން ދެނީ ލޯނު އެހީގެ ގޮތުގައެވެ. މި ލޯނުގެ އިންޓްރެސްޓަކީ ދެ ޕަސެންޓެވެ. ބްރިޖް އެޅުމަށް ދިވެހި ސަރުކާރުން 30 މިލިއަން ޑޮލަރު ޚަރަދުކުރާނެއެވެ.