ކޮރަޕްޝަނާ ދެކޮޅަށް ސައުދީން އަޅަންފަށައިފައިވާ ފިޔަވަޅުތަކުގެ ދަށުން، މަގާމުން ދުރުކޮށްފައިވާ ސައުދީގެ ކުރީގެ ވަލީއަހުދު މުހައްމަދު ބިން ނާއިފްގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށްފިއެވެ.

ސައުދީގެ މިހާރުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އާލް ސައުދު އިިސްވެހުންނަވައިގެން އުފައްދަވައިފައިވާ ކޮމެޓީން ވަނީ މިހާތަނަށް 11 ޕްރިންސަކާއި ހަތަރު މިނިސްޓަރެއް ހައްޔަރުކޮށްފައެވެ.

ހައްޔަރުކޮށްފައިވާ ޕްރިންސުންގެ ތެރޭގައި މުޅި ދުނިޔޭގައި ވެސް މަޝްހޫރު ބިލިއަނަރު ވަލީދް ބިން ތަލާލް ވެސް ހިމެނިވަޑައިގަންނަވައެވެ.

ރޮއިޓާސް ނިއުސް އޭޖެންސީއިން ބުނިގޮތުގައި ނާއިފްގެ އިިތުރުން އޭނާގެ އާއިލާގެ ބޭފުޅުންގެ ބޭންކް އެކައުންޓްތައް ވެސް ވަނީ ފްރީޒްކޮށްފައެވެ.

ސަލްމާން ރަސްގެފާނު އަވަހާރަވުމަށް ފަހު ވެރިކަން ވާރުތަވާގޮތަށް ކުރިން އޮތީ ރަސްގެފާނަށް ބޮޑުބޭބޭ ކިޔާ ޕްރިންސް ނާއިފްގެ އަތްމައްޗަށެވެ. ނަމަވެސް މިދޔަ ޖޫން މަހު ކުއްލި ގޮތަކަށް ވަނީ ނާއިފް މަގާމުން ދުރުކުރެއްވުމަށްފަހު ރަސްގެފާނުގެ އަމިއްލަ ދަރިފުޅު ބިން ސަލްމާން ވަލީއަހަދު ކަމަށް އިސްކުރައްވައިފައެވެ.

މަގާމުން ދުރުކުރުމަށްފަހު ޕްރިންސް ނާއިފްގެ އެއްވެސް ހިލަމެއް ނުވެއެވެ. ނަމަަވެސް ދާދި ފަހުން ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި މަރުވި ޕްރިންސް މަންސޫރު ބިން މުގްރިން އަލް ސައުދުގެ ޖަނާޒާއިން ނާއިފް ވަނީ ފެނިވަޑައިގެންފައެވެ.

ކޮރަޕްޝަނާ ދެކޮޅަށް ފިޔަވަޅު އަޅަން ފެށިފަހުން 1700 އަށް ވުރެ ގިނަ ބޭންކް އެކައުންޓެއް ސައުދީގައި ފްރީޒް ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.