10 Nov 2017, 15:19
ވައިގެ އުނދަގޫ ނުވަތަ "ގެސްޓްރިކް"ގެ ކަންތައްތަކަކީ މިއަދު ގިނަ ބަޔަކަށް ދިމާވެފައިވާ ވޭނެކެވެ. ބަނޑު ފުއްޕާގޮތްވެ ހޮޑުލެވުމާއެކު ކެއުމަށް ވަރަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާންޖެހޭ ފަހަރުވެސް އެކަމުގެ ސަބަބުން އާދެއެވެ.
ވައިގެ މައްސަލަ ނުވަތަ 'ގެސްޓްރިކް' މައްސަލަ ދިމާވާ މައިގަނޑު ސަބަބަކީ ރަނގަޅަށް ކާ އެއްޗެހި ނުހަފައި ދިރުވުމެވެ. ހަމަ އެހެންމެ ހަޖަމްކުރާ ނިޒާމުގައި މައްސަލަތަކެއް ހުރުމުގެ އިތުރުން މީހާ ސްޓްރެސް ވުމުގެ ސަބަބުން ވެސް ގޭހުގެ މައްސަލަތައް ދިމާވެއެވެ.
ގޭހުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ކެއުމުގެ 30 ވަރަކަށް މިނެޓް ކުރިން ހަށިގަނޑަށް އެކަށޭނެ ވަރަކަށް ފެން ބޯށެވެ. އެކަމުގެ ސަބަބުން ކެއުމަށްފަހު ކާ އެއްޗެހި ހަޖަމް ކުރަން ފަސޭހަވެގެންދާނެއެވެ.
ކާއިރު ލަސް ލަހުން ކެއުމަކީ ގެސްޓްރިކް އިން މީހާ ސަލާމަތްވުމަށްޓަކައި އެހީތެރިވެދޭނޭ ކަމެކެވެ. ކާ އެއްޗެހި ރަނގަޅަށް ހެފުމަށްފަހު ގަޑިން ގަޑިން ކެއުމަށް އާދަކުރުމަކީ އެކަމުން ސަލާމަތްވުމަށް އެޅިދާނެ މުހިއްމު ފިޔަވަޅެކެވެ.
ބަނޑުގައި ވައިހެދުމުން ސަލާމަތްވުމަށްޓަކައި ދުންފަތުގެ އިސްތިއުމާލު ނުކުރުމާއި، ހަވާދުލީ ކާނާ ބޭނުންކުރުން މަދުކުރުމަކީ ވެސް ކުރެވިދާނެކަމެކެވެ. މީގެ އިތުރުން އެނާޖީ ޑްރިންކާއި ފިޒީ ޑްރިކްސް އަދި "ޖަންކް ފުޑްސް"އާ ދުރުވުމަކީވެސް ވަރަށް މުޙިއްމު ކަމެކެވެ.
މައުލޫމާތު: އެވްރީޑޭ ހެލްތް