10 Nov 2017, 14:14
އިސްލާމީ އުންމަތެއްގެ ޙާކިމުކަން (ވެރިކަން) ދެއްވާނީ ﷲ ސުބުހާނަހޫ ވަތަޢާލާ މިންވަރު ކުރައްވާ މީހަކަށް ކަމަށާއި އެކަމަކީ އެ ކަލާނގެ ހަޟްރަތުން ލިބޭ ނިއުމަތެއްކަމަށް ދެކި އެ ނިއުމަތަށް ޝުކުރު ވެރިވުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.
ރާއްޖޭގެ އެކިކަންކޮޅު ތަކުގައި މިއަދު އިއްވި ހުކުރު ހުތުބާގެ މައުލޫއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ " އިސްލާމް ދީނުގައި ވެރިކަމުގެ ނިޒާމް" މި މައުލޫއެވެ.
އެ މައުޟޫއަށް އިންސާފުކުރަމުން ހުތުބާގައި ބުނެފައިވަނީ، އިސްލާމީ އުންމަތުގެ ފުރަތަމަ ހާކިމަކީ ކީރިތި ރަސޫލާ މުޙައްމަދު صلى الله عليه وسلم ކަމަށެވެ. އަދި އެކަލޭގެ ފާނު އުންމަތަށް ހިދާޔަތު ގެނެސްދެއްވައި އިސްލާމްދީނަށް ގޮވާލުމުގެ މަސައްކަތް ކުރަށްވަން ފެއްޓެވުމާ އެކު އެކަލޭގެފާނުގެ އުފަން ބިމުން އުނދަގޫތަކަކާ ކުރިމަތިވެވަޑައިގެންނެވި ކަމަށެވެ. އަދި އެކަލޭގެފާނު މައްކާއިން ނުކުމެ ވަޑައިގެން މަދީނާއަށް ހިޖުރަކުރެއްވި ހިސާބުން އިސްލާމީ ވެރިކަން ފެށިގެން ދިޔަ ކަމަށް ޚުތުބާގައި ވެއެވެ. އަދި މަދީނާ ވެގެން ގޮސްފައިވަނީ އިސްލާމީ ފުރަތަމަ މަލަސް ކަމަށް ހުތުބާގައި ވަނީ ބުނެދީފައެވެ.
ހުތުބާގައި ބުނެފައިވަނީ މަދީނާއަށް ރަސޫލާ صلى الله عليه وسلم ހިޖުރަކުރެއްވުމާއި ގުޅިގެން އިސްލާމީ ވެރިކަމުގެ ނިޒާމެއް ގާއިމު ކުރުން ލާޒިމްވެގެން ދިޔަ ކަމަށާއި އިސްލާމީ ވެރިކަމެއް ރަސޫލާ صلى الله عليه وسلم ގާއިމު ކުރެއްވީ އިންސާފާއި ރައްޔިތުންނަށް ފައިދާވާނެ ގޮތަށްކަމަށެވެ. އަދި ރަސޫލާ صلى الله عليه وسلم ވެރިކަން ކުރެއްވުމުގައި އިހްތިޔާރު ކުރެއްވި ގޮތަކީ މުޅި އުންމަތަށްވެސް ނަމޫނާއެއް ކަމަށް ހުތުބާގައިވަނީ ބުނެފައެވެ.
ހުތުބާގައި ބުނެފައިވަނީ ރަސޫލާ صلى الله عليه وسلم ސުވަރުގެ ވަޑައިގަތުމައި އެކު އިސްލާމީ ވެރިކަން ބަދަލުވެގެން ދިޔައީ ހަމަހަމަ އުސޫލެއްގެ މަތިން ކަމަށެވެ. އަދި ވެރިކަން ބަދަލުވެގެން ދާއިރު މަޝްވަރާގެ އުސޫލު އިސްކުރުމަށް އިސްލާމްދީން އިލްތިމާސްކުރާ ކަމަށެވެ.
ވެރިން ވެރިކަން ކުރަންވާނީ ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ކަމަށާއި އަދި ވެރިން ރައްޔިތުންނަށް އޯގާތެރިވާން ޖެހޭނެ ކަމަށް ޚުތުބާގައި ވެއެވެ. އަދި މާތް ﷲ ދެއްވި ނިއުމަތަށް އަބަދުވެސް ޝުކުރު އަދާ ކުރަންވާނެ ކަމަށާއި ޝުކުރުވެރިވުމަކީ ނިއުމަތުގެ ބޭނުން ރަނގަޅަށް ހިފުން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވެއެވެ.