ޓްރާންސް މޯލްޑިވިއަން އެއާވޭސް]ޓީއެމްއޭ[ގެ ޓްވިން އޮޓާ މަރުކާގެ ފެނަށް ތިރިކުރާ މަތިންދާ ބޯޓެއް އިއްޔެ ހުޅުލެއިން ނައްޓާލަން އުޅެނިކޮށް، ހުޅުލޭ ފަޅުގައި ޕާކްކޮށްފައި އޮތް އެ ކުންފުނީގެ އެހެން ބޯޓެއްގައި ޖެހި ، ދެބޯޓަށް ވެސް ގެއްލުންތަކެއް ވެއްޖެ އެވެ.

ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ހުސައިން ޖަލީލު މިއަދު ވިދާޅުވީ އިއްޔެ ހިނގި ހާދިސާއަކީ އެކްސިޑެންޓެއް ނޫން ކަމަށެވެ. ނަމަވެސް އެއީ ކުޑަކުޑަ ހާދިސާއެއް ކަމަށާއި އެހާދިސާގައި ދެބޯޓަށް ވެސް ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަލީލު ވިދާޅުވީ އެ ހާދިސާ ހިނގައިގެން ޓީއެމްއޭ އިން އިއްޔެ ހަވީރު ރިޕޯޓްކޮށްފައިވާ ކަމަށާއި ދެބޯޓަށް ވެސް އުދުހުމުގެ ހުއްދަ އޭވިއޭޝަނުން އަދި ދީފައި ނުވާނެ ކަމަށެވެ.

ޓީއެމްއޭގެ ބޯޓެއް ޓްރޭނިން އުދުހުމެއްގައި އުޅެނިކޮށް، މާލެއަތޮޅުގެ ރިސޯޓެއް ކަމަށްވާ ބިޔާދޫގެ ފަޅުތެރެއަށް މިދިޔަ ޖުލައި މަހު ވަނީ ވެއްޓިފަ އެވެ. އޭރު އެބޯޓްގައި ތިބީ ކެޕްޓަނަކާއި ފަސްޓް އޮފިސަރެއް ކަމަށާއި އެމީހުންނަށް ގެއްލުމެއް ނުލިބޭ ކަމަށް އެކުންފުނިން އޭރު ބުންޏެވެ. ނަމަވެސް ބޯޓަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް ވެސް އެކުންފުނިން އޭރު ބުންޏެވެ.