ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ޕާލަމެންޓަށް ރާއްޖޭގެ ކަންކަން ނިންމޭނެ ކަމަށް ބަޔަކު ދެކުމަކީ ކުށް ހީއެއް ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމުން މިރޭ "އަސްތާ"ގެ ނަމުގައި ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ ގާނޫނުއަސާސީގައި ދިވެހި ދައުލަތަކީ މިނިވަން ދައުލަތެއް ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި ގައުމުގެ ކަންކަން ނިންމާނީ ދިވެހިން އަމިއްލައަށް ކަމަށެެވެ.

"އަޅުގަނޑުމެންގެ ނިންމުންތައް ނިންމާނީ އަޅުގަނޑުމެންގެ ޕާލިމެންޓް ތެރޭގައި. އަޅުގަނޑުމެންގެ ނިންމުންތައް ނިންމާނީ އަޅުގަނޑުމެންގެ ކޯޓުތަކުގައި. އަޅުގަނޑުމެންގެ ހުކުމްތައް ތަންފީޒު ކުރާނީ އަޅުގަނޑުމެންގެ ޖަލުތަކުގައި،" ނާޒިމް ވިދާޅުވި އެވެ.

ރާއްޖޭގެ ކަންކަން އީޔޫއަށް ނިންމޭނެ ކަމަށް ދެކި އެ ފިކުރުގައި އުޅޭ މީހުންނާމެދު ދިވެހި ރައްޔިތުން ލަދުވެތިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ރާއްޖޭގެ ކަންކަން އީޔޫއަށް ނިންމޭނެ ކަމަށް ގަބޫލުކުރާ މީހުންނަކީ ގައުމިއްޔަތެއް ނެތް ބަލިކަށި މީހުންގެ ފިކުރެއް ކަމަށް ނާޒިމް ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިޝާރާތްކޮށް، މިނިސްޓަރު ނާޒިމް ވިދާޅުވީ ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅަކު ބޭރު ގައުމުތަކުގައި އިސްލާމް ދީނަށް ހަޖޫ ޖަހާ ވާހަކަފުޅު ދައްކަވާތީ ލަދު ގަންނަންޖެހޭނެ ކަމަށެވެ. ނަޝީދުގެ ފަހަތްޕުޅުގައި ތިއްބެވި ބޭފުޅުން ވެސް އެކަމާ ލަދުގަންނާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އަމިއްލަ ނަފްސަށް އެކަމާ ވިސްނަވާ އިނގޭތޯ. ހަމަ ހިމޭނުން އިންނަވައިގެން ވިސްނަވާ. ގައުމުގެ ވެރިއެއްގެ ގޮތުގައި ހުރި މީހަކު ކީރިތި ރަސޫލާއަށް ހަޖޫ ޖައްސަވައި އިސްލާމް ދީން ނޫން އެހެން ގޮތްތަކެއް ހޯދަން އުޅުނީމަ ދިވެހި ރައްޔިތުން ލަދު ގަންނާނެ އިނގޭތޯ" ނާޒިމް ވިދާޅުވި އެވެ.

އިސްލާމް މާއްދާ އިހުތިޔާރީ މާއްދާއަކަށް ހަދަން ބަހުސްކުރެވުނީ ހަމަ އެކަނި އެމްޑީޕީގެ ވެރިކަމުގައި ކަމަށް ނާޒިމް ވިދާޅުވި އެވެ. ދަރުމަވަންތަ ރަސްގެފާނުގެ ރަސްކަމުން ފެށިގެން ރައީސް ޔާމީންގެ ވެރިކަމާ ހަމައަށް އައިރު، އެ މުއްދަތުގެ ތެރޭގައި އެކަހަލަ ވާހަކައެއް ދެއްކީ އެމްޑީޕީގެ ސަރުކާރުން ކަމަށް ނާޒިމް ވިދާޅުވިއެވެ.

ކުއްޅަވަށް ފެކްޓްރީއަކާއި ތެލުލި ބަނބުކެޔޮ ޑަބިލަޔަލަކުން އިގްތިސާދު ހިފެހެއްޓޭނެ ކަމަށް ދެކުނު ބަޔަކު ރައީސް ޔާމީނާއެކު ގައުމު ހިންގަވަން އަންނާނެ ކަމެއް ނެތް ކަމަށް ނާޒިމް ވިދާޅުވި އެވެ.