10 Nov 2017, 01:13
"ވެރިންނާއި ދަރިން" މަރާލާފައިވިޔަސް ވެރިކަން ހޯދައި، ރާއްޖެ ބޭރުގެ ފަރާތްތަކަށް ހިބަކޮށްދޭން ބަޔަކު މަސައްކަތް ކުރަމުންދާ ކަަމަށާއި އެކަން ކާމިޔާބުވިޔަ ނުދިނުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމަަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު އަލީ އާރިފު އިލްތިމާސް ކުރައްވައިފި އެވެ.
"ނޮވެމްބަރު 3" ފާހަގަ ކުރުމަަށް "އަސްތާ" ނަމުގައި ޕީޕީއެމުން ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަލީ އާރިފު ވިދާޅުވީ "ނޮވެމްބަރު 3"ގައި 19 ދިވެހިން ޝަހީދުކޮށްލި މީހުންނާމެދު ދިވެހިން ސަމާލުވާންޖެހޭ ކަމަށެވެ.
ވެރިކަމުގެ ދަހިވެތިކަމުގައި ކަނޑިބަޑި ހިފައިގެން ދިވެހިން ޝަހީދުކޮށްލުމަށް ހަނގުރާމަ ކުރި މީހުން، ދިވެހިންގެ ސިކުނޑިތަކާ ގުޅެލުމަށް ފިކުރީ ހަނގުރާމެއް ފަށާފައިވާ ކަމަށް އަލީ އާރިފު މިރޭ ވިދާޅުވިއެވެ.
އޭނާ ތުހުމަތު ކުރެއްވި ގޮތުގައި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށްގެން، އޭރު ވެރިކަން ކުރީ ނޮވެމްބަރު ތިނެއްގެ އަދުއްވުންނެވެ.
"އެ މީހުން ގަތުލުކޮށްލި ގާތިލުންނާމެދު ސަމާލުވާތި. ކަނޑިބަޑިން އެ މީހުން ކުރި ހަނގުރާމަ ފިކުރީ ހަނގުރާމައަކަށް ބަދަލުކޮށް، 2008ގައި ދިވެހި ތަހުތައް އަރައި ދިވެހިންގެ މައްޗަށް ވެރިކަން ކުރި ގޮތް ވެސް ހަނދާނުން ފޮހެލައިގެން ނުވާނެ،" ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފު ވިދާޅުވިއެވެ.
"ނޮވެމްބަރު 3"ގެ އުދުވާނީ ހަމަލާއަށް ލިބުނު ނަސްރު ފާހަގަކޮށް، ޕީޕީއެމުން މިރޭ ބޭއްވި އަސްތާ ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އޭނާ ވިދާޅުވީ ބަޣާވާތްކޮށްގެން ވެރިކަން ބަދަލުކޮށްލުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށާއި އެ މީހުން މަސައްކަތް ކުރަނީ ބޭރު ފަރާތްތަކަށް ގައުމު ހިބަކޮށްދޭން ކަމަށެވެ.
"ވެރިންނާއި ދަރިން މަރާފައިވިޔަސް ވެރިކަން ހޯދައި، ދީނައި ގައުމު، ބޭރުގެ ފަރާތްތަކަށް ހިބަކޮށްދޭން ކުރާ މަސައްކަތް ހަމަ ހިލާ ކާމިޔާބުވިޔަ ނުދޭތި،" ޕީޕީއެމްގެ ސަޕޯޓަރުންނަށް އިލްތިމާސްކޮށް އަލީ އާރިފު ވިދާޅުވިއެވެ.
ނަވާރަސަތޭކަ އަށްޓިހައަށް ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ވެރިރަށް މާލެއަށް އަރައި، ސްރީލަންކާގެ ޕްލޮޓް ޖަމާއަތުގެ ކުލީ ސިފައިންނާއެކު ރާއްޖެއަށް ދިން އުދުވާނީ ހަމަލާ ނާކާމިޔާބުކޮށްލައި، ގައުމަށް ލިބުނު ނަސްރަށް މިއަހަރު ވަނީ 29 އަހަރު ފުރިފަ އެވެ.
އަލީ އާރިފު ވިދާޅުވި ގޮތުގައި އެ ދުވަހުގެ ހަނދާނުގައި ފާހަގަ ކުރާ "ނަސްރުގެ ދުވަހު"ގެ ވާހަކަތައް ފަނޑުވަމުންދާ ކަމަށެވެ.
އޭނާ ވިދާޅުވީ ނަޝީދުގެ ވެރިކަމުގައި ނަސްރުގެ ދުވަސް ފާހަގަކޮށްފައި ނުވާ ކަމަށާއި އެ ވެރިކަމުގައި އެ ދުވަސް ފާހަގަ ނުކުރި ސަބަބު ބަލަންޖެހޭ ކަމަށެވެ.
ޕީޕީއެމްގެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެ ދުވަހުގެ ޒިކުރާ އާ ކުރަން ކަމަށް ވެސް އާރިފު ވިދާޅުވިއެވެ.
"ދުވަހަކަށް ވުރެ ދުވަހެއް މި ދަނީ އެ ވާހަކަތައް ފަނޑުވަމުން. ﷲ އިރާދަފުޅު ކުރެއްވިއްޔާ މި ސަރުކާރުން އެ ކަންތައްތައް ޒިކުރާ ކުރެވޭތޯ އެބަ ބަލަމު. ދުވަހަކު ވެސް އެ ޒިކުރާ ހަނދާން ނައްތާނުލާތި،" އާރިފު ވިދާޅުވިއެވެ.
"ނޮވެމްބަރު 3"ގެ އުދުވާނީ ހަމަލާއަށް ލިބުނު ނަސްރު ފާހަގަކޮށް، ޕީޕީއެމުން މިރޭ ބޭއްވި އަސްތާ ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އެމްޑީޕީ ސަރުކާރުން ޒަމާނީ ޑިމޮކްރަސީގެ ނަމުގައި އިސްލާމް ދީނަށް ގޮންޖަހައި ރަސޫލާއަށް ފުރައްސާރަކޮށްފައިވާކަން، ފާހަގަކޮށް އަލީ އާރިފު ވިދާޅުވީ ނަޝީދު އޭރު ދެއްކި ވާހަކަތައް މިއަދު ހަނދާން ކުރަންޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވީ ނަޝީދުގ ވެރިކަމުގެ ތިން އަހަރު ތެރޭ ފިތުނަ އާއި ހަސަދަ ގައުމުގައި އާންމު ކުރި ކަމަށެވެ. އަދި "އެއްބަނޑެއް، މާބަނޑެއް" ބެލުމެއް ނެތި ފުލުހުންނާ ކުރިމަތިލައި، ތަޅާނެ ކުދިންތަކެއް ހޯދަން މަސައްކަތް ކުރީ ނަޝީދު ކަމަށް އާރިފު ވިދާޅުވިއެވެ.
އަސްތާ ނަމުގައި މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންނެވި ނަމަވެސް، އެމަނިކުފާނު ޖަލްސާގައި ވާހަކަފުޅު ދައްކަވާފައެއް ނުވެ އެވެ.