ގައުމުގެ ބޮޑެތި ވިޔަފާރިވެރިން ވެސް ރައީސް ޔާމީންގެ އިގްތިސާދީ މަސައްކަތަށް ތާއީދުކޮށް އެމަނިކުފާނަކީ "އިގްތިސާދީ މާހިރެއްކަން" ގަބޫލު ކުރާ ކަމަށް އެމްޑީއޭގެ ނައިބު ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފު ވިދާޅުވެއްޖެ އެވެ.

"އަސްތާ"ގެ ނަމުގައި ޕީޕީއެމުން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުރޫފު ވިދާޅުވީ ވިޔަފާރިވެރިން ރައީސް ޔާމީންގެ އިގްތިސާދީ މަސައްކަތަށް ތައުރީފު ކުރައްވާ ކަމަށެވެ.

އެގޮތުން ޗަންޕާ ގުރޫޕުގެ ވެރިޔާ ޗަންޕާ ހުސައިން އަފީފު ވަރަށް ފަހުން ދެއްކެވި ވާހަކަފުޅެއްގައި ރައީސް ޔާމީންގެ އިގްތިސާދީ ބަދަލުތައް ކަމުގޮސް އެވާހަކަފުޅު ދައްކަވާފައިވާ ކަމަށް މައުރޫފު ވިދާޅުވި އެވެ.

"ޓުއަރިޒަމަަށް މިގެންނަ ބަދަލު، އިގްތިސާދީ ގޮތުން ބޮލަކަށް ޖެހޭ މިންގަނޑު އިތުރުވެގެން ދަނީ. އެހެންވީމަ އެކަނިކުފާނު (ޗަންޕާ އަފީފު) ވިދާޅުވަނީ ރާއްޖޭގެ ސަރުކާރުން މިއަދު އެބަ ތިމަންނަމެނަށް އެހީތެރިކަމާ އެކީގައި، އިގްތިސާދު އެހެން ހަރުފަތަކަށް ގެންދާނެކަމާ ނެދު ޝައްކެއް ނުކުރަމޭ،" މައުރޫފު ވިދާޅުވި އެވެ.

މަޝްހޫރު ޔުނިވާސަލް ގުރޫޕުން ވެސް ރައީސް ޔާމީންގެ އިގްތިސާދީ މަސައްކަތްޕުޅަށް ތައުރީފު ކުރާ ކަމަށް މައުރޫފު ވިދާޅުވި އެވެ.

މައުރޫފު ވަނީ ރައީސް ޔާމީނަށް ތައުރީފު ކުރައްވައި ވާހަކަފުޅު ދައްކަވާފަ އެވެ. ވިދާޅުވީ ރައީސް ޔާމީނަކީ "ރަނެއް މަލެއްފަދަ ރައީސެއް" ކަމަށެވެ. އަދި އެވަރުގެ ރައީސެއް ރާއްޖެއަށް ދެން ނުލިބޭނެ ކަމަށްވެސް ވިދާޅުވި އެވެ.

މިހާރު ވެސް ރާއްޖޭގައި ވެރިކަމާ ތޮޅޭ މީހުން އެބަތިބި ކަމަށް މައުރޫފު ވިދާޅުވި އެވެ. ރައީސް ޔާމީން ގައުމަށް ވަފާތެރިކަމާ އެކު މަސައްކަތް ކޮށްދެއްވާތީ އެމަނިކުފާނު އަވަހާރަކޮށްލަން ބަޔަކު މަސައްކަތް ކުރި ކަމަށް މައުރޫފު ވިދާޅުވި އެވެ.

މައުރޫފް އިލްތިމާސް ކުރެއްވީ ކޮންމެ ދިވެއްސަކު ވެސް ގައުމާމެދު ލޯބި ވުމަށެވެ. އަދި އިސްލާމީ އުންމަދާއި ގައުމުގެ ހައްގުގައި މަސައްކަތް ކުރަން އަޒުމް ކަނޑައަޅަންޖެހޭ ކަމަށާއި ދިވެއްސަކަށްވީތީ، އަދި މުސްލިމަކަށްވީތީ ފަހުރުވެރިވާންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.