މީގެ 29 އަހަރު ކުރިން ރާއްޖެއަށް ދިން އުދުވާނީ ހަމަލާއާ ދެކޮޅަށް ދިވެހިންނަށް ލިބުނު ކާމިޔާބީ ފާހަގަކޮށް، އެކަމުގެ ހަނދާން އާ ކުރުމަށް ޕީޕީއެމުން މިރޭ ކުރިއަށް ގެންދާ "އަސްތާ ޖަލްސާގައި" ރައީސް ނަޝީދަށް ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ބައިވެރިވެވަޑައިގެން ކާނިވާ ސަރަހައްދުގައި ކުރިއަށްދާ ޖަލްސާގައި ނޮވެމްބަރު ތިނެއްގެ ބަތަލުންގެ ހަނދާން އާ ކޮށް، ގައުމަށް ގައްދާރުވި މީހުންގެ ވާހަކަތައް ހަނދާންކޮށްދީފައިވެ އެވެ.

ޖަލްސާގައި ވާހަކަފުޅު ދެއްކެވި ބޭފުޅުންގެ ވާހަކަތަކަށް ބަލާލާއިރު ކޮންމެ މީހެއްގެ ވާހަކައިން ވެސް އެއްކަމެއް ފާހަގަ ކުރެވުނެވެ. އެ ދުވަހާ ގުޅުވައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ބަހުގެ ހޫނު ހަމަލާތަކެއް ވަނީ ރައްދުކޮށްފައެވެ. އެ ދުވަހު ގައުމަށް ހަމަލާ ދިން މީހުންނާ ރައީސް ނަޝީދާ ގުޅުން ހުރި ކަމަށް ބުނެ، އެމްޑީޕީ ވެރިކަމުގައި ނަސްރުގެ ދުވަސް ފާހަގަ ކުރުން ހުއްޓާލި ކަމަށް ވެސް ބުނެފައިވެ އެވެ.

ރާއްޖެއަށް އުދުވާނީ ހަމަލާދިނުމުގައި ބައިވެރިވި މީހުންނަށް ނަޝީދުގެ ވެރިކަމުގައި ސިޔާސީ ބޮޑެތި މަގާމުތައް ދީފައިވާ ކަމަށް ބުނެ، ނަޝީދުގެ ސަރުކާރުން ގައުމަށް ދިން ގެއްލުންތަކުގެ ވާހަކަވެސް ފާހަގަކޮށްފައިވެ އެވެ.

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާއާ ނަޝީދުގެ އާއިލާއާ ގުޅުން އޮތް ކަމަށް ބުނެ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ދައްކަވާފައިވާ ވާހަކަފުޅެއްގެ ވީޑިއޯއެއް ވެސް ތަކުރާރުކޮށް މިރޭގެ ޖަލްސާގައި ވަނީ ދައްކާފަ އެވެ. ޖަލްސާގައި ދެއްކި މައުމޫންގެ އެ ވީޑީއޯއަކީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް މައުމުން ދައްކަވާފައިވާ ވާހަކަފުޅުގެ ވީޑިއޯއެކެވެ.

ރައީސް މައުމޫނު ނަޝީދާ ގުޅިވަޑައިގެން މިހާރު މަސައްކަތް ކުރައްވާތީ، އެކަމަށް ފާޑުކިޔައި ހަދާފައި ވެސްވެ އެވެ. އަދި މައުމޫންގެ ވަފާތެރިކަމާ މެދު ސުވާލު އުފައްދާފައިވެ އެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަަވަމުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުގެ ވިދާޅުވީ ނޮވެމްބަރު ތިނެއްގައި ބަޣާވާތުގައި އިސްކޮށް އުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ބޭސް ފަރުވާއަށް ކަމަށް ބުނެ، ލަންކާއަށް ފޮނުވައި އޭނާ ފިލުވީ ނަޝީދުގެ ސަރުކާރުން ކަަމަށެވެ.

"މި ނުބައި ޖަރީމާ ހިންގުމުގައި އެންމެ އިސްކޮށް ހުރި މީހާ ފިލުވަން އެހީތެރިވެދީ އޭނަ ފިލުވީ ގ. ކެނެރީގޭ މުހައްމަދު ނަޝީދުގެ އެމްޑީޕީ ސަރުކާރުގައި،" ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ނިހާން ވިދާޅުވީ އެވެ.

ނަޝީދަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރެއްވުމަށްފަހު ނިހާނުގެ ވާހަކައިގެ މިސްރާބު ބަދަލު ކުރެއްވި އެވެ. އެމަނިކުފާނުގެ ބަހުގެ ހަމަލާތައް ދެން ރައްދު ކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުﷲ ގައްޔޫމަށެވެ.

ނިހާން ވިދާޅުވީ "ނޮވެމްބަރު ތިން ބަމަ ދުވަހު ރައީސް މައުމޫނު ދޮންނަ މެޝިނެއްގެ ފޮށިގަނޑެއްގެ ތެރޭގައި އޮތް" ކަމަށް މީހުން ވާހަކަ ދެއްކި ކަމަށެވެ. މައުމޫނަށް އަމާޒުކޮށް އެ ވާހަކަތައް ދައްކައި އުޅުނީ އެމްޑީޕީން ކަަމަށް ދޭހަވާ ގޮތަށް ނިހާން ވާހަކަފުޅު ދެއްކެވި އެވެ.

ރައީސް ނަޝީދުގެ އަމަލުތައް އެހެން ހުއްޓަައި ނަޝީދާ ގުޅިވަޑައިގެން އުޅުއްވަނީ "ދޮންނަ މެޝިނެއްގެ ފޮށިގަނޑެއްގެ ތެރޭގައި އޮންނެވިކަން" އަމިއްލަފުޅަށް ގަބޫލުފުޅު ކުރައްވާތީ ތޯއޭ ވިދާޅުވެ މައުމޫންނަށް ނިހާން ސުވާލު އަމާޒު ކުރެއްވި އެވެ.

"އެހެންވެގެންތޯ އޭ އިންވަނީ ގޮސްފަ، ކެނެރީގޭ މުހައްމަދު ނަޝީދާ އޭނައާ ގުޅުން ހުރި މި ޖަހާލަތުގެ އަނދިރި އަމަލު ހިންގި މީހުންނާ އެއްކޮށް އެއްސައްލާއެއް ކުރަން، ރައީސް މައުމޫނު ލަދުފުޅުގަންނަން ޖެހޭނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން،" ނިހާން ވިދާޅުވި އެވެ.

ނިހާނަަށްފަހު ވާހަކަފުޅު ދައްކަވަން އެރުއްވި ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވެސް ނަޝީދާ ނަސްރުގެ ދުވަހުގެ ހަމަލާއާ ގުޅުވާ ވާހަކަފުޅު ދެއްކެވި އެވެ.

ވިދާޅުވީ މިއަދު އިނގިރޭސި ވިލާތައް ވަޑައިގެން ގައުމާ ދެކޮޅަށް ވާހަކަފުޅު ދައްކަވާ މީހުންނަށް ދިވެހިން އިތުބާރު ކުރަން ނުވާނެ ކަމަށެވެ.