އެޑިއުކޭޝަން މިނިސްޓްރީއަށް ޕާމަނަންޓު ސްކްރެޓްރީ (ޕީއެސް)އެއް އައްޔަން ކުރައްވައިފި އެވެ.

އެ މަގާމަށް މިއަދު އައްޔަން ކުރައްވާފައި ވަނީ ގ. ދިލްކަޝް، މުހައްމަދު ސައީދެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް އާއި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ އަލީ ޝަމީމް ވަނީ އެޑިއުކޭޝަންގެ އާ ޕީއެސްއާ ބައްދަލު ކުރައްވާފަ އެވެ.

މުހައްމަދު ސައީދަކީ ކުރިން އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލްގެ މަޤާމު ފުރުއްވަމުން ގެންދެވި ބޭފުޅެކެވެ. އޭނާ ވަނީ މީޑިއާ އޮފިސަރެއްގެ މަގާމުން ފެށިގެން ތައުލީމީ ދާއިރާގެ އެކިއެކި މަގާމުތައް ފުރުއްވާފަ އެވެ. އޭގެތެރޭގައި އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމާއި، ޑިރެކްޓަރުގެ މަގާމާއި ޑިރެކްޓަރ ޖެނެރަލްގެ މަގާމު ވެސް ފުރުއްވާފައިވެ އެވެ.

މުހައްމަދު ސައީދު ވަނީ އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީ އޮފް ބޯލްޓަންއިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައެވެ.