09 Nov 2017, 21:24
ޖަރުމަނުގެ ކުރީގެ ޗާންސެލާ އެޑޮލްފް ހިޓްލަރު ދެވަނަ ބޮޑު ހަނގުރާމަ ނިމުނު ދުވަސްވަރު ފިއްލައިގެން ކޮލަމްބިއާއަށް ދިޔަ ކަމަށް ބެލެވޭ ކަމަށް އަވަހާރަކޮށްލައިފައިވާ ޖޯން އޮފް ކެނެޑީގެ މަރާ ބެހޭ ގޮތުން އާންމުކުރި ލިޔުމެއްގައި ބުނެފިއެވެ.
ސީއައިއޭގެ ރަސްމީ ވެބްސައިޓްގައި އާންމުކޮށްފައިވާ ލިޔުމުގައި ބުނެފައި ވަަނީ އެ އިދާރާއަށް ޖާސޫސްކޮށްދެމުން ދިޔަ މީހަކު ހިޓްލަރު ދިރިހުރި ކަމަށް ބުނި ކަމަށާއި ހިޓްލަރު ވެރިކަން ކުރެއްވި ދުވަސްވަރު ޖަރުމަނުގައި ހަރަކާތްތެރިވި އެސްއެސް މިލިޓަރީގެ އޭޖެންޓު ފިލިޕް ސިޓްރިއޯންއާ ހިޓްލަރު ބައްދަލު ކުރި ކަމަށެވެ.
ސީއައިއޭގެ ޖާސޫސީ އިދާރާއަށް ފިލިޕް މައުލޫމާތު ދިން ގޮތުގައި ހިޓްލަރު 1950 ގެ އަހަރުތަކުގައި އުޅުއްވަމުން ދިޔައީ ކޮލަމްބިއާގެ ރެސިޑެންސާސް ކޮލޯނިއޭލްސް ސަރަހައްދެއްގަ އެވެ. އަދި އެ ސަރަހައްދުގައި ޖަރުމަނުން ފިލައިގެން ދިޔަ ނާޒީން ވަަރަށް ގިނައިން އުޅޭ ކަމަށް ވެސް ލިޔުމުގައި ބުނެފައިވެ އެވެ.
ކޮލަމްބިއާގައި އުޅެމުންދިޔަ "ހިޓްލަރު" ކަމަށް ބުނާ މީހާ އާއި ސީއައީގެ އޭޖެންޓާއެކީ ނަގައިފައިވާ ފޮޓޯ އެއްވެސް ވަނީ ލިޔުމާއެކު އާންމުކޮށްފަ އެވެ.
ހިޓްލަރު ފިލައިގެން އާޖެންޓީނާއަށް ދިޔަ ކަމަށް މީގެ ކުރިން ވެސް އަޑު ފެތުރުރިފައިވެ އެވެ. ލިޔުންތެރިއެއް ކަމަށްވާ ހެރީ ކޫޕާ ވަނީ ހިޓްލަރު އާޖެންޓީނާއަށް ފިލައިގެން ދިޔަކަމަށް ބުނެފޮތެއްވެސް ނެރެފައެވެ. ނަމަވެސް އެ ފޮތް "ކޮންސްޕިރަސީ ތިއަރީ"އެއް ކަމަށް ބުނެ އެކެޑިމިކް ލިޔުމެއްގެ ގޮތުގައި ބަލައިގަނެފައެއް ނުވެއެވެ.
އާޖެންޓީނާގައި ހިޓްލަރު އުޅުނު ކަމަށް އަޑުފެތުރިފައިވާއިރު، ނާޒީންގެ ވަރަށް ސީނިއާ އޮފިޝަލެއް ކަމަށްވާ އެޑޮލްފް އެއިޗްމަން 1960 ވަނަ އަހަރު އާޖެންޓީނާއިން ވަނީ އަތުލައިގެންފަ އެވެ. އިސްރާއިލުގެ ޖާސޫސީ އިދާރާ މޮސާޑުން ހިންގި އޮޕަރޭޝަނެއްގައި އެއިޗުމަން އަތުލައިގަތުމަށްފަހު ވަނީ އެގައުމަށް ގެންގޮސް ދަން ޖައްސައިފައެެވެ.
އާންމުކޮށް އިވިފައި އޮންނަ ގޮތުން ހިޓްލަރު މަރުވީ ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އޭނާ އުޅުއްވި ބަންކަރުގައި އަމިއްލައަށް ބޮލަށް ބަޑި ޖަހައިގެންނެވެ. އަމިއްލަ އަށް މަރުވިއިރު ސޯވިއަޓް ޔޫނިއަންގެ ސިފައިން ޖަރުމަނުގެ ބާލިން އަށް ވަދެގަންނަން ދިޔައީ ތައްޔާރުވަމުންނެވެ.