"ނަހޫ ސްޓައިލް"ގެ ފިލްމަކަށް އެދިއެދި ތިބި އެތަކެއް ބަޔަކު މިއަދު އެންމެ ގަދައަށް ދައްކާ ވާހަކައަކީ، އެންމެ ފަހުން ރިލީޒްކުރި ދިވެހި ފިލްމު "ބޮސް"ގެ ވާހަކައެވެ. މިހާތަނަށް ގިނަ ބަޔަކަށް އެ ފިލްމު ބަލައިލުމުގެ ފުރުސަތު ލިބިފައި ވާއިރު، އަދިވެސް ފިލްމު ބަލަން ބޭނުންވާ އެތަކެއް ހާސް މީހުން އިންތިޒާރުގައި އެބަތިއްބެވެ.

ބޮސްގެ ބައެއް ތަރީންނާއި ޕްރޮޑަކްޝަން ޑައިރެކްޓަރު ރިޝްމީ -- ފޮޓޯ: ކްރިސްޓަލްއެންޓަޓެއިންމެންޓް

ކުރިއަށް އޮތް ހަފްތާ ބަންދަކީ "ބޮސް"ގެ ޓީމަށް ވަރަށް "ބިޒީ" ހަފްތާބަންދެކެވެ. މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަދި ޕްރޮޑިއުސަރު، ފާތިމަތު ނަހްލާގެ އަމިއްލަ ވާހަކައަކަށް އޭނާގެ ކްރިސްޓަލް އެންޓަޓެއިންމެންޓުން އުފެއްދި "ބޮސް"، އޮކްޓޫބަރު މަހު 31 ވަނަ ދުވަހު އޮލިމްޕަހުގައި ޕްރިމިއަރ ކުރުމަށް ފަހު، ދެން މިސްރާބުޖެހީ، މާލެއާ ކައިރީ ބައެއް ރަށްރަށުގައި ފިލްމު އެޅުވުމަށެވެ. ނަމަވެސް މި ހަފްތާ ބަންދާއެކު، ރާއްޖެގެ އެކި ހިސާބުތަކުގައި ފިލްމު އެޅުވުމަށް ބޮސްގެ ޓީމުން ދަނީ، ހޭބޯނާރައި މަސައްކަތްކުރަމުންނެވެ.

"ބޮސް"ގެ ޕްރޮޑިއުސަރު އަދި މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ފާތިމަތު ނަހުލާ (ވ) އާއި "ބޮސް"ގެ ބޮސްގެ ޑައިރެކްޓަރު އައިޝަތު ރިސްމީ ރަމީޒް (ކ) ---ސަން ފޮޓޯ/ މުހައްްމަދު އަފްރާހް

ކާމިޔާބު ފިލްމީ ތަރި އައިޝަތު ރިޝްމީ ރަމީޒް ޑައިރެކްޓްކޮށް، މަރިޔަމް އައްޒަ އާއި މުހައްމަދު ޔުނާން ލީޑުރޯލުން ފެނިގެންދާ އަސަރު ގަދަ ލޯބީގެ ފިލްމަށް ގިނަ ބައެއްގެ ތަރުހީބު އޮހޮރެމުންދާއިރު، ޕްރޮޑިއުސަރު ނަހުލާ ހުރީ މި ކާމިޔާބީއާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ.

"ފިލްމުގެ ޓިކެޓް ނަގަން މިހާރު ވެސް ގިނައިރު ކިއުޖެހިފައި އޮވޭ. މިހާ އަވަހަށްވެސް ރިޕީޓްކޮށް މީހުން އެބަ ވަދޭ. ވަރަށް އުފާކުރަން އަޅުގަނޑުގެ އޯޑިއަންސް އެނބުރި އައީތީ،" ކާމިޔާބު ޕްރޮޑިއުސަރު ބުންޏެވެ.

ދިވެހި ފިލްމު ބޮސްގެ ޕޯސްޓަރެއް -- ސަން ފޮޓޯ: ކްރިސްޓަލްއެންޓަޓެއިންމެންޓް

މި ފެށޭ ހަފްތާ ބަންދުގައި ބޮސްގެ ޝޯތަށް "ހަބޭސްކޮށް" އަތޮޅުތެރޭގައި އަޅުވަން ފަށާއިރު ފުރަތަމަ ހަފްތާ ބަންދުގައި ވެސް 10 އަތޮޅެއްގެ ގިނަ ރަށްތަކެއްގައި ފިލްމު އެޅުވުމަށް ވަނީ ހަމަޖެހިފައެވެ.

"ކުރިން ދެއްކީ މާލެއާ ކައިރީ ބައެއް ރަށްރަށާއި ބައެއް ރިސޯޓްތަކުގައި. އެކަމަކު މި ވީކްގައި އެއް ބޮނޑިއަކަށް އަތޮޅުތެރޭގައި މިފަށަނީ." ނަހޫ ބުންޏެވެ.

"ރަށްރަށުގައި ފިލްމު އަޅުވަން ކެނޑިނޭޅި ރިކުއެސްޓް އަންނަމުން އެބަދޭ. އަޅުގަނޑު މިބަލަނީ ވީވަރަކުން ހުރިހާ ރަށަކަށްވެސް ގެންދެވޭތޯ."

އޮލިމްޕަހުގައި މިހާރު ދަނީ، 17 ވަނަ ޝޯއާ ހަމައަށް ޓިކެޓް ވިއްކަމުންނެވެ. މިހާރުވެސް "ބޮސް"ގެ ހައުސްފުލް 10 ޝޯ ދައްކާފައި ވާއިރު، މާލޭން ބޭރުގައި މިހާތަނަށް ދެއްކި ހުރިހާ ޝޯއެއްވެސް ކުރިއަށް ދިޔައީ 100 ޕަސެންޓް ފުލްކޮށެވެ.

ބޮސްގެ ޓިކެޓް އެންމެ ފުރަތަމަ ވިއްކަން ފެށުމާއެކު ވެސް ނަހޫ ވަނީ، "ކުރިން ޓިކެޓް ނުނަގައިފިއްޔާ ބޮޑު ކިއުއެއްގައި ހުންނަން ޖެހިދާނެ" ކަމަށް ބުނެފައެވެ.

ދިވެހި ފިލްމު "ބޮސް"ގެ މަންޒަރެއް -- ސަން ފޮޓޯ: ބޮސް

"ބޮކްސް އާއެކު 100 ޕަސެންޓް ހައުސްފުލްކޮށް ޝޯތައް މިދަނީ. މީހުން މައްސަލަވެސް ޖައްސާ ޓިކެޓް ނުލިބިގެން. އެކަމަކު ވިއްކައި ނިމިފައި ހުރި ޝޯތަކުން އިތުރު ޓިކެޓެއް ނުލިބޭނެ ދޯ،" ނަހޫ ބުންޏެވެ.

ބޮސްގެ ޓިކެޓް ނަގާއިރު، ކޮންމެ 10 ޓިކެޓް އަކަށް ހިލޭ ބޮސްގެ މޭކިން ސީޑީއެއް ދޫކުރާކަމަށް ބޮސްގެ ޓީމުން ބުންޏެވެ.

މީގެ އިތުރުން، އަތޮޅުތެރޭގައި ބޮސްގެ ޝޯތައް ކުރިއަށް ގެންދާއިރު، ފިލްމު އަޅުވާ ރަށްތަކާ ކައިރި ރަށްރަށުގައި ބޮސް އަޅުވަން ބޭނުންނަމަ، ލަސްނުކޮށް "ބޮސް"ގެ ޓީމާ ގުޅުމަށް ކްރިސްޓަލް އެންޓަޓެއިންމަންޓުން އެދެއެވެ.

ބޮސްގެ ޓިކެޓެއް ވިއްކަނީ، 100 ރުފިޔާއަށެވެ. ރަށްރަށުގައި ފިލްމު އެޅުވުމަށް ބޭނުންވާ ފަރާތްތަކުން، 7974426އަށް ގުޅައިގެން އެކަން ކުރިއަށް ގެންދެވޭނެއެވެ.

"އަތޮޅުތެރޭގައި ފިލްމު ދައްކަމުން ދާއިރު، ހަމަނުޖެހި ހުރި ކައިރީ ރަށެއްގައި ބޮސް އަޅުވަން ބޭނުންވާނަމަ، ލަސްނުކޮށް އަޅުގަނޑުމެންނަށް އަންގާލަދެއްވުން އެދެން. އޭރުން ވަގުތުން ވެސް ޝެޑިއުލް ކުރެވޭނެ."