04 Aug 2011, 14:23
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮޕަރޭޝަން (އެމްބީސީ) އަށް މި އަހަރުގެ ދައުލަތުގެ ބަޖެޓުން ދިނުމަށް ހަމަޖައްސާފައިވާ ފައިސާ ފިނޭންސް މިނިސްޓްރީން ދޫނުކޮށް ހިފެހެއްޓި މައްސަލާގައި ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒުގެ މައްޗަށް ދައުވާ ކުރުމަށް އެމްބީސީން ނިންމައިފި އެވެ.
އެމްބީސީ އިން އިއްޔެ ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ އެ ކޯޕަރޭޝަނުން ފިނޭސް މިނިސްޓަރުގެ މައްޗަށް ދައުވާ ކުރުމަށް ނިންމީ އެކޯޕަރޭޝަންގެ ބަޖެޓް ދޫނުކޮށް ހިފެހެއްޓެވުމާ ގުޅިގެން ކުރިމަތިވަމުންދާ މައްސަލަތަކާއި އެ މައްސަލަތައް ހައްލުކޮށްދެއްވުމަށް ތަކުރާރުކޮށް އެދުމުން ވެސް އެކަމަށް އެއްވެސް މަގެއް ނުފެނުމުން ކަމަށެވެ.
"ހަމައެކަނި މަހުން މަހަށް މިހާރު މިކޯޕަރޭޝަނަށް ހިންގާނެ ހަރަދަށްވާ ފައިސާ ދޫކޮށްދެއްވުމަށާއި ދޫނުކުރައްވާ ހިފަހައްޓަވާ ސަބަބެއް އޮޅުން ފިލުވުމަށް ވެސް ތަކުރާރުކޮށް ދަންނަވާ، އެއްވެސް ޖަވާބެއްވެސް ދެއްވައިފައެއް ]ނުވޭ[،" އެނޫސްބަޔާނުގައިވެ އެވެ.
އެމްބީސީން ބުނީ އެކޯޕަރޭޝަންގެ ބަޖެޓް ނުލިބިމުގެ ސަބަބުން އެކޯޕަރޭޝަނުން ކުރަން ރާވާފައި ހުރި އެތައް މަސައްކަތްތަކަކަށް ހުރަސްއެޅިފައިވާ ކަމަށާއި އެކޯޕަރޭޝަން ހިންގުމަށް ހިފާފައިވާ އިމާރާތުގެ ކުލި ނުދެއްކި، ތަނަށް ހޯދާފައިވާ ބައެއް ތަކެތީގެ ބިލްތަކަށް މުއްދަތަށް ފައިސާ ނުދެއްކުމުގެ ސަބަބުން ޖޫރިމަނާވެފައިވާ ކަމަށް ވެސް އެމްބީސީން ބުންޏެވެ.
އެމްބީސީގެ ޗެއާޕާޝަން އިބްރާހިމް އުމަރު މަނިކު މިއަދު ވިދާޅުވީ އެމްބީސީއަށް ދައުލަތުގެ ބަޖެޓުން ދޭން ޖެހޭ 95 މިލިއަން ރުފިޔާގެ ތެރެއިން އެކޯޕަރޭޝަނުން ހޯދުމަށް އެދިފައިވާ ހަރަދުތަކުގެ ތެރެއިން މުވައްޒަފުންގެ މުސާރަ ނޫން އެއްޗެއް ދީފައިނުވާ ކަމަށެވެ. "މިމައްސަލަ އަންނަ އާދީއްތަ ދުވަހު ކޯޓަށް ވެއްދުމުގެ މަސައްކަތް ކުރަމުން މިއަންނަނީ،" އުމަރު ވިދާޅުވި އެވެ.
އަދި އެކޯޕަރޭޝަނަށް ދައުލާތުގެ ބަޖެޓުން ލިބެން ޖެހޭ ފައިސާގެ މައްސަލާގައި ޝަރީއަތުގެ މަރުހަލާ ހިޔާރުކުރަން ނިންމީ، އެކޯޕަރޭޝަން ގާއިމު ކުރުމުގެ ޤާނޫނުގައި އެކޯޕަރޭޝަންގެ މުދާކަމުގައި ބުނެފައިވާ މުދަލާއި ފައިސާ އިންސާނީ ވަސީލަތްތައް ހޯދުމަށް ވެސް، ޝަރީއަތުގެ މަރުހަލާ ހިޔާރުކުރަން ޖެހުނު ފަދައިން، ޝަރީއަތަށް ނުގޮސް ކުރެވެން ހުރި ހުރިހާ މަސައްކަތެއްކޮށް އެއްވެސް އަލި މަގެއް ނުފެނުމުން ކަމަށް އެމްބީސީ އިން ބުންޏެވެ.