09 Nov 2017, 14:07
ގައުމީ ޓީމުގެ ސްކޮޑަށް ކުޅުންތެރިން ނަގަނީ އަމިއްލައަށް އެއްވެސް ފަރާތެއް ނުފޫޒެއް ނެތި ކަމަށާއި އެފްއޭއެމް އަކުން ނޫން ކަމަށް ގައުމީ ޓީމުގެ ކޯޗު ޑަރެން ސްޓެވާޓް ބުނެފިއެވެ.
އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި ފަލަސްތީނާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗަށް އެކުލަވާލި ސްކޮޑާމެދު ގިނަބައެއްގެ ފާޑުކިއުންތަކެއް ސީދާކޮށް އަދި ނުސީދާކޮށް އަމާޒުވަމުންދާއިރު، ސްޓެވާޓް ވަނީ އެއީ އޭނާގެ އަމިއްލަ ނިންމުން ކަމަށް ބުނެފައެވެ.
އެފްއޭއެމް ހައުސްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސްޓެވާޓް ބުނީ އޭނާ އާއި އޭނާގެ ޓެކްނިކަލް ޓީމު ފިޔަވައި އިތުރު ބަޔަކު، ގައުމީ ޓީމަށް ކުޅުންތެރިން ނަގާފައި ނުވާނެ ކަމަށާއި ޓީމަށް ނަގާނެ ކުޅުންތެރިން، އެފްއޭއެމްގެ ތެރެއިން އެއްވެސް މީހަކު ނިންމާފައި ނުވާނެ ކަމަށެވެ.
"ޓީމަށް ކުޅުންތެރިން ނަގާނީ އަހަރެން. އިތުރު މީހެއް ނޫން. އަހަރެން ޓީމު ނަގާއިރު ބައެއް ފަހަރު [މުހައްމަދު] އަސްލަމް އަދި ކުރީގެ އެސިސްޓެންޓް ކޯޗު އިއްމަ [އިސްމާއިލް މަހްފޫޒް]ގެ ލަފާ ހޯދާފައި ވާނެ. އޭގެ ބޭރުން އެފްއޭއެމްގެ ރައީސް ބައްސާމް އަދި ޖަވާ [ޖަވާޒް] ވިޔަސް ނޯންނާނެ އަހަރެން ކައިރީ ބުނެފަ ނަގާނެ ކުޅުންތެރިންނެއް ނޫނީ ވަކި ކުޅުންތެރިއެއް ނެގުމަށް،" ސްޓެވާޓް ބުންޏެވެ.
ސްޓެވާޓް ބުނީ ކުޅުންތެރިން ނެގުމާއި އެ ކުޅުންތެރިޔަކު ޕާފޯމް ކުރާ ގޮތަކީ އޭނާގެ ޒިންމާއެއް ކަމަށާއިި އޭނާގެ ބަރީއްވެގެން ނޫޅޭ ކަމަށެވެ. އަދި އެފްއޭއެމް އިން ކުޅުންތެރިން ނެގުމުގައި ނުފޫޒު ފޯރުވާ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަ ތަކެއް ކަމަށް އޭނާ ބުންޏެވެ.
"ރައީސް ބައްސާމް އަށް ނޭނގޭނެ އަހަރެން ނަގާ ޓީމެއް ލިސްޓު ނުނެރެނީސް. އެއީ އޭނާ ދުވަހަކު ވެސް ނާހާ ކޮބާހޭ ޓީމަކީ. އޭނާ ބުނީ އަހަރެންނޭ ޓީމާ ހަވާލުވެ ހުރީ އަހަރެންނޭ ޓީމަށް ކުޅުންތެރިން ނަގާނީ،" ސްޓެވާޓް ބުންޏެވެ.
ސްޓެވާޓް އިތުރަށް ބުނީ ފާޑިކިޔާނީ އޭނާއަށް ކަމަށާއި އެފްއޭއެމް އާއި ކުޅުންތެރިންނަކަށް ނޫން ކަމަށެވެ.
ގްރޫޕް ސްޓޭޖުގައި ފަލަސްތީނާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން މީގެ ދެ ދުވަސް ކުރިން ގައުމީ ޓީމުން ފަރިތަކުރުންތައް ފެށިއިރު، މިފަހަރުގެ ސްކޮޑުގައި އެންމެ ފަހުން އޭޝިއަން ކަޕް ކޮލިފައިންގައި އޮމާނާ ދެކޮޅަށް މާލޭގައި ކުޅުނު މެޗުގައި އަނިޔާގެ ސަބަބުން ނުފެނުނު ގައުމީ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ގެ އިތުރުން އާ ދެ ގޯލު ކީޕަރު ވެސް ވަނީ ހިމަނާފައެވެ.