09 Nov 2017, 14:14
ޒުވާނުން ވަޒީފާއަށް އަހުލުވެރިކޮށް، ވަޒީފާގެ މާހައުލަށް ތައްޔާރުކުރުމަށް ދިރާގުން ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމް 22 ކުއްޖަކު ފުރިހަމަކޮށްފިއެވެ.
މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަ ކުރި ކުދިންނަށް ވަނީ ސެޓްފިކެޓްދީފައެވެ. ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމާއި ދިރާގުގެ ޗެއާމަން މުހައްމަދު އަޝްމަލީއެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަ ކުރި ޒުވާނަކަށް ސެޓްފިކެޓް ހަވާލުކުރަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ
ދިރާގުގެ އިޖްތިމާއީ ޒިންމާގެ ދަށުން ކޮންމެ އަހަރަކުވެސް 18 އަހަރާ 25 އަހަރާ ދެމެދުގެ ޒުވާނުންނަށް ދިރާގުގައި އެޕްރެންޓިސްޝިޕް ފުރިހަމަ ކުރުމުގެ ފުރުސަތު ދެއެވެ. މި ޕްރޮގްރާމްގައި ބައިވެރި ވެވެނީ މި އުމުރުފުރާގެ ޒުވާނުންގެ ތެރެއިން އޭލެވެލް އިމްތިހާނުގެ ތިންމާއްދާއިން ފާސްވެފައިވާ، ދާއިމީ ވަޒީފާއެއް އަދާ ނުކުރާ ޒުވާނުންނަށެވެ. މިއީ މި ޕްރޮގްރާމް ކުރިއަށް ގެންދާ ނުވަވަނަ އަހަރެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވާ ޒުވާނުންނަށް ދިރާގުގައި މަސައްކަތް ކުރާ މެނޭޖަރުންނާ ސުޕަވައިޒަރުންގެ ފަރާތުން ތަމްރީނާ ތަޖުރިބާ ލިބޭނެއެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަ ކުރި ޒުވާނުންނަށް ސެޓްފިކެޓް ދިނުމަށް ބެޢޤވި ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ، ދިރާގުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަ ކުރާ ކުދިންނަށް ވަޒީފާ ލިބުމުގެ ފުރުސަތު 100 ޕަސެންޓް އޮންނަ ކަމަށެވެ.
މީގެ ތެރެއިން ބައެއް ކުދިންނަށް ދިރާގުން ވަޒީފާ ދޭއިރު އެހެން ކުންފުނި ތަކުން ވަޒީފާ ހޯދަންވެސް މި ކުދިންނަށް ފަސޭހަކަން ފާހަގަ ކުރެވޭކަމަށް އިސްމާއިލް ރަޝީދު ވިދާޅުވިއެވެ. އަދި މި ޕްރޮގްރާމް ފުރިހަމަކުރި ކުދިން ބޮޑެތި ކުންފުނިތަކުގެ މަތީ މަގާމުގައި މިހާރު އެބަތިބި ކަމަށް އޭނާ ވިދާޅުވިއެވެ.
"ދިރާގުގެ މުވައްޒަފުންނަކީ 99 ޕަސެންޓް ދިވެހިންނަށް ހެދިފައި މިވަނީ މީހުން ބިނާކުރުމަށް މިކުރާ މަސައްކަތުގެ ސަބަބުން،" އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.