09 Nov 2017, 10:48
އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ހުރީ އަނދިރި ކަމެއްގެ ތެރޭގައި ކަމަށާއި ނޭމާ ބާސެލޯނާ ދޫކޮށް ދާކަން އެނގުނީ ޑީލް ފައިނަލް ވެސް ވި ފަހުން ކަމަށް ލިއޮނަލް މެސީ ބުނެފި އެވެ.
ބާސާގެ ޑިފެންޑަރު ޖެރާޑް ޕީކޭ އާއި ކުރީގެ ތަރި ޒަވީ ހަނާންޑޭޒް ވަނީ ނޭމާ ބާސާ ދޫކޮށް ޕީއެސްޖީ އަށް ބަދަލުވާން އުޅޭކަން މެސީގެ ކައިވެނީގެ ހަފްލާ ތެރެއިން އެނގުނު ކަމަށް ބުނެފަ އެވެ. ނަމަވެސް މެސީ ބުނީ އޭނާގެ ކައިވެނީގެ ހަފްލާގެ ތެރެއިން ނޭމާ އޭނާއާ އެކަހަލަ އެއްވެސް ވާހަކައެއް ދައްކާފައި ނުވާ ކަމަށެވެ.
"އެމެރިކާ އަށް ކުރި ޓުއާގެ ފަހު ދުވަހު ވެސް އަހަންނާއި ނޭމާ އާ ވާހަކަ ދެއްކިން. އޭނާ ބުނި އޭނާ އަށް ކުރެވޭ ނުކުރެވޭ ކަމެއް ނޭނގޭ ކަމަށް އަދި ކުރަން ބޭނުންވާ ކަމެއް ޔަގީން ނުވާ ކަމަށް. އެހެން މީހުން ބުނި އެ މީހުންނަށް އެނގޭ ކަމަށް ނޭމާ ބާސާ ދޫކޮށްލަން އުޅޭކަން. ނަމަވެސް އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް އަހަރެމެން ނޭމާ އާ ވާހަކަ ދެއްކިން." އީއެސްޕީއެން އަށް ދިން އިންޓަވިއު އެއްގައި މެސީ ބުންޏެވެ.
ބާސާގެ ފޯވާޑް ލުއިސް ސުއަރޭޒް ބުނި ގޮތުގައި މެސީ ވަނީ ނޭމާ ބާސާ ދޫކޮށް ނުދިއުމަށް ބުނެ އޭނާ ހުއްޓުވުމަށް އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ވަރަށް މަސައްކަތްކޮށްފަ އެވެ.
"އަހަރެމެން ނުބުނަން ނުދާށެކޭ. އަހަރެމެން ބުނީ އަހަރެމެން އޭނާ ދާން ބޭނުން ނުވާ ކަމަށް. ނަމަވެސް އޭނާ ކުރަން ބޭނުން ކަމެއް ކުރުމުގެ އިހްތިޔާރު ލިބެގެންވާ ކަމަށް ބުނިން. އަހަރެމެން ތިން މީހުން [މެސީ، ސުއަރޭޒް، ނޭމާ] ދޭތެރޭ އޮތް ރަހުމަތްތެރި ކަމުގެ ބޮޑު ކަމުން އޭނާ ދިއުމުން ވަރަށް ދެރިވި،" ސުއަރޭޒް ބުންޏެވެ.
ޕީއެސްޖީ އިން ވަނީ ނޭމާ ގަތުމަށް އޭނާގެ ކޮންޓްރެކްޓްގައިވާ ބައި އައުޓް ކްލޯސް ގައިވާ 222 މިލިއަން ޔޫރޯ ބާސާ އަށް ހުށައަޅައި އޭނާގެ ސޮއި ހޯދައިފަ އެވެ.