10 Nov 2017, 11:09
ލޯތްބަށް އިއުތިރާފު ވުމަކީ ބައެއް މީހުންނަށް ވަރަށް އުނދަގޫ ކަމެކެވެ. ލޯބިވާ މީހާގެ ކުރިމަތީ ހިތް ހުޅުވާލަން ހިތަށް އެރުމުންވެސް އަތްފައި ފިނިވެ ތުރުތުރު އަޅާގޮތްވާ މީހުން އުޅެއެވެ. ފަހަރުގައި މިއީ "ފިނޑި" މީހުން ކަމަށްވެސް ވެދާނެއެވެ.
އެކަަމަކު އެނގޭ ހެއްޔެވެ. އެންމެ ލޯބިވާ މީހާގެ ދުލުން، އޭނާ ވެސް ތިމާ ދެކެ ލޯބިވާ ވާހަކަ އިވުމަކީ ބަޔާން ކުރަން ދަތި އުފާވެރިކަމެއް ގެނެސްދޭނެ ކަމެކެވެ.
ލޯބިވާ ވާހަކަ ބުނަން ނުކެރޭ ބައެއް މީހުންނަކީ އެމީހުންގެ އަމަލުން އެކަން ދައްކަން ކުޅަދާނަ ބައެކެވެ. އެއީ "ރޮމޭންޓިކް ބަޔެކޭ" ބުނެވިދާނެއެވެ. ލޯބިވާ މީހާގެ ހިތާ ކުޅެލަނީ އުފަލުން ހިތް ރޮއްވާލާފަދަ ގޮތަކަށެވެ.
ލޯބިވާ ވާހަކަ ދުލުން ނުބުނެ އެކަން ހާމަ ކޮށްދޭނީ ކިހިނެއްޔެވެ؟ ދައްކާ ވާހަކަތަކަށްވުރެ ބޮޑަށް ތިމާގެ އަމަލުތައް ވަރުގަދަވާނެކަން ހަނދާން ބަހައްޓާށެވެ. (އެކްޝަންސް ސްޕީކް ލައުޑާ ދެން ވޯޑްސް އޭ ބުނޭ ނޫންހެއްޔެވެ؟)
މިސާލަކަށް- ތިމާގެ އަނބިމީހާ، ފިރިމީހާ ނުވަތަ ބައިވެރިޔާއަށް އެންމެ މީރު ކާނާ އަކީ ކޮބައިކަން އެނގޭހެއްޔެވެ؟ އަވަހަށް އެ ތައްޔާރުކޮށް ސަޕްރައިޒެއް ދޭށެވެ. ތައްޔާރުކުރަން ނޭނގޭނަމަ އިންޓަނެޓް އިން ބަލައިގެން ވިޔަސްހެވެ. ބޭރުން އޯޑަރުކޮށްގެން ގެނައުމަށްވުރެ އަމިއްލަ މަސައްކަތުން ތައްޔާރު ކުރާ ކާނާގައި ލޯބި އިތުރު ވާނެއެވެ. ލޯބިވެރިޔާއަށް ހިތްހަމަ ޖެހުން ގެނުވައިދޭނެއެވެ.
ސްކޫލު ދުވަސްވަރު ހިތް އެދޭ ކުއްޖާއަށް ލަވް ނޯޓު ފޮނުވި ހަނދާން ވެހެއްޔެވެ؟ މިހާރުވެސް މިއީ ރޮމޭންޓިކް ކަމެއް ކަމުގައި ބައެއް ކުދިން ދެކެއެވެ. ތިބާގެ އަނބިމީހާ، ފިރިމީހާ ނުވަތަ ބައިވެރިޔާއަށް "ލަވް ނޯޓެއް" ފޮނުވާށެވެ. އޭނާގެ މޫނު މައްޗަށް ހިނިތުންވުން ގެނުވާނެއެވެ.
ކޮންމެ ގުޅުމެއްގައިވެސް އެންމެ މުހިއްމު ކަމަކީ ކޮމިއުނިކޭޝަންއެވެ. ވާހަކަ ދެއްކުމާ ކަނުލައި އަޑުއެހުމެވެ. ބައިވެރިޔާ ދައްކާ ވާހަކަ އަޑުއަހައި ސަމާލުވާށެވެ.
ދެން އެންމެ މުހިއްމު ކަމަކީ ބައިވެރިޔާގެ ރައްޓެހިންނާއެކު ތިބާވެސް ވެސް ވަގުތު ހޭދަކުރަން ޖެހޭނެކަމެވެ. ބައިވެރިޔާއަށް ވަގުތު ހުސްކުރައްޗެވެ. މިއީވެސް ލޯބިވާކަން ސާބިތު ކޮށްދިނުމަށް މުހިއްމު ކަމެކެވެ.