ގިނަ އަދަދެއްގެ ސަރުކާރުގެ އޮފީސްތަކާއި މިނިސްޓްރީތައް ހުންނަ ވެލާނާގެ ހުޅުވުން އެހެން ދުވަސްތަކަށްވުރެ މިއަދު ލަސްވެއްޖެ އެވެ.

ސަރުކާރު އޮފީސްތަކުގެ މުވައްޒަފުން ވަޒީފާއަށް ގަޑިޖެހޭ ގަޑިއަކީ ހެނދުނު 8:00 އެވެ. އާއްމު ގޮތެއްގައި އޮފީސްތައް ގަޑިޖެހުމުގެ އެންމެ ލަސްވެގެން ދިހަ މިނިޓް ކުރިން ހުޅުވައެވެ. އެހެން ނަމަވެސް މިއަދު އަށެއް ޖެހި އިރުވެސް ވެލާނާގޭގެ ދޮރު ހުޅުވައިފައެއްނުވެ އެވެ.

އެހެން ކަމުން އަށެއް ޖެހި ފަހުންވެސް ވެލާނާގޭގެ ދޮރުމަތީގައި ގިނަ އަދަދެއްގެ މުވައްޒަފުން އޮފީހަށް ނުވަދެވި ބޭރުގައި ތިބިތަން ވަނީ ފެނިފައެވެ.

އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެލާނާގެ ބޭރުގައި --- ސަން ފޮޓޯ/ އަހްމަދު މުޖްތަބާ

ވެލާނާގެ ހުޅުވުން މިއަދު ލަސްވެފައިވާއިރު، ރޭ އެ އިމާރާތުގެ އަށް ވަނަ ފަންގިފިލާގައި ހުންނަ އެޑިއުކޭޝަން މިނިސްޓްރީގެ ތެރޭގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައިފައެވެ. އަލިފާން ރޯވެފައިވަނީ ވެއިޓިން އޭރިއާގައި ކަރުދާސްތަކެއް އެއްކޮށްފައި ހުރި ފޮށިގަނޑެއްގައެވެ.

ވެލާނާގޭގައި ހުންނަ ސަރުކާރުގެ އޮފީހެއްގައި މަސައްކަތް ކުރާ މުވައްޒަފަކު ބުނި ގޮތުގައި، މިއަދު އަށެއް ޖެހި އިރުވެސް ވެލާނާގޭގެ ދޮރު ހުޅުވައިފައެއް ނުވެއެވެ. އަދި ވެލާނާގޭގެ ދޮރު ހުޅުވާފައިވަނީ 8:10 ހާއިރު ކަމަށްވެސް އޭނާ ބުންޏެވެ.

ވެލާނާގެ ހުޅުވައި ލެއްޕުމުގެ މަސައްކަތް ކުރަނީ ހައުސިންގް މިނިސްޓްރީންނެވެ. މިއަދު އެ އިމާރާތް ގަޑިއަށް ނުހުޅުވި ލަސްވި މައްސަލައާ ގުޅޭގޮތުން ހައުސިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ސަންއަށް ވިދާޅުވީ، ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ބައެއް ކަންކަން ބެލުމަށްޓަކައި މިއަދު ވެލާނާގެ ހުޅުވުން ކުޑަކޮށް ލަސްވެފައިވާ ކަމަށެވެ.

"އެހާ ގިނައިރެއް ނުވޭ. މިނިސްޓްރީން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ގާތްގަނޑަކަށް 10 ވަރަކަށް މިނިޓް ތެރޭގައި ހުޅުވައިފި،" އޭނާ ވިދާޅުވިއެވެ.

ވެލާނާ ބިލްޑިންގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން އެތަނުގައި ސިފައިންނާއި ފުލުހުން ހަރަކާތްެރިވާއިރު، އަލިފާން ރޯވި ފޮށިގަނޑު ބިންމަތީގައި--- ސަން ފޮޓޯ/ މުއާވިޔަތު އަންވަރު

އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެފަދަ ކަމެއްގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ. އަދި ފުލުހުންގެ ފަރާތުން އެތަނަށް ނުވަދެވޭނެ ގޮތެއް ހަދާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ރޭ އެ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.