ނަވާރަ ސަތޭކަ އަށްޑިހައިގެ ދުވަސްވަރަކީ ދިވެހި މިއުޒިކީ ދާއިރާގައި ހުނަރުވެރި ތަރިންތަކެއް ވިދާލި ދުވަސްވަރެކެވެ. މި ދުވަސްވަރުގެ ތަރިން މިހާރު މި ދާއިރާއިން ރިޓަޔާ ކޮށްގެން ތިބި ނަމަވެސް މި ފަންނާނުންގެ މަގްބޫލު ކަމަކަށް އަދިވެސް ފަނޑުކަމެއް ނާދެއެވެ. ދޭތެރެ ދޭތެރެއިން ބާއްވާ ކުރީގެ ފަންނާނުންގެ ޝޯ ތަކުން މިކަން ހާމަވެއެވެ.

އަނެއްކާވެސް މިވަނީ މިފަދަ ޝޯ އަކަށް ވަގުތު ކުޑަތަން ވެފައެވެ. ފްރެންޑްޝިޕް އެސޯސިއޭޝަން އޮފް އިންޑިއާ މޯލްޑިވްސް (ފެއިމް) އަދި އިންޑިއަން ކަލްޗާ ސެންޓާގުޅިގެން އަންނަ މަހުގެ ހަތެއް އަދި އަށްވަނަ ދުވަހު "ރަންޒަމާން"ގެ ނަމުގައި ކުރީގެ ލަވަކިޔުންތެރިންނާއެކު ހާއްސަ ޝޯއެއް ބޭއްވުމަށް ވަނީ ނިންމައިފައެވެ. މި ޝޯ އަކީ ކުރީގެ ފަންނާނުން އަދި މިހާރުގެ ލަވަކިޔުންތެރިންނާއެކު ޖުމްލަ 23 ފަންނާނަކު ސްޓޭޖު މަތިން ފެނިގެންދާނެ ފޯރިގަދަ ޝޯ އަކަށް ވެގެންދާނެ ކަމަށް ފެއިމް އިން ބުނެއެވެ.

ރޭ ވަނީ ރަންޒަމާން- އޯލްޑް އިޒް ގޯލްޑްގެ އޮފިޝަލް ޕޯސްޓަރު ލޯންޗްކޮށް ޕާޓްނަރުންނާއެކު އެއްބަސް ވުމުގައި ސޮއިކޮށްފައެވެ. މި ޝޯގެ ޕާޓްނަރުންނަކީ:

  • ސައުންޑް އެންޑް ލައިޓްސް - އިވެންޓް މޯލްޑިވްސް

  • ޗެރިޓީ ޕާޓްނާ- ކެންސާ ސޮސައިޓީ
  • މީޑިއާ ޕާޓްނާ (އޮންލައިން) - އަވަސް
  • މީޑިއާ ޕާޓްނާ (ޓީވީ) - ރާއްޖެ ޓީވީ
  • ސެލޫން ޕާޓްނާ (ސްކިން ކޭންޑީ)
  • ރެސްޓޯރެންޓް ޕާޓްނާ (ވިލެޖް ކޮފީ އެންޑް ޓީ)

މި ޝޯގެ ޓިކެޓް މި މަހުގެ 10 އިން ފެށިގެން އޮލިމްޕަހުން ވިއްކަން ފަށާނެއެވެ. ބުކިން ހެއްދުން މިހާރުވެސް ވަނީ ހުޅުވާލާފައެވެ.

ފެއިމް އިން ބުނީ ރަންޒަމާން ޝޯއަށް ހާއްސަ ވެބްސައިޓެއް ލޯންޗްކޮށް ޝޯއަށް ހާއްސަ ސްވެނިއާ ޓީޝާޓެއްވެސް ވިއްކާނެ ކަމަށެވެ. އަދި ކުރީގެ ފަންނާނުންގެ ބަޔޯގްރަފީ ހިމެނޭ މެގަޒިންއެއްވެސް މި މަހު ފަހުކޮޅު ނޫނީ ޑިސެމްބަރު ކުރީކޮޅު ނެރޭނެ ކަމަށް ފެއިމް އިން ބުންޏެވެ.

"މި މެގަޒިންއަކީ އެންމެ ގިނަ އާޓިސްޓުންގެ ބަޔޯގްރަފީ އާއެކު ނެރޭ މެގަޒިންއަށް ވާނެ."

މި ޝޯއިން ލިބޭ ރެވެނިއު ހަދިޔާ ކުރަން ނިންމާފައިވަނީ ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އަށެވެ.