08 Nov 2017, 22:18
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށާއި ފުޓުބޯޅަ ކުރިއެރުވުމަށްޓަކައި އިނގިރޭސި ފުޓްބޯޅައިގެ ތިން ލެޖެންޑަކު ރާއްޖެ އަންނަން އެއްބަސްވެއްޖެ އެވެ.
ރާއްޖެ އަންނަން އެއްބަސްވި ފުޓްބޯޅައިގެ ތިން ތަރިންގެ އިތުރުން ޕްރިމިއާ ލީގުގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިން ވެސް ރާއްޖެ ގެނައުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
ރާއްޖެއިން ޔޫރަޕިއަން ޔޫނިއަނާއި ބެލްޖިއަމް އަދި އިނގިރޭސިވިލާތައް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ޝިޔާން "ސަން"އަށް މިރޭ ވިދާޅުވި ގޮތުގައި ރާއްޖެ އައުމަށް އެއްބަސްވެފައި ވަނީ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ރިއޯ ފާޑިނަންޑާއި ލިވަޕޫލަށް ގިނަ ދުވަސް ތަކެއް ވަންދެން ކުޅެފައިވާ ސްޓީވަން ޖެރާޑްގެ އިތުރުން ޗެލްސީއަށް ކުޅެ އެ ކްލަބްގެ ތާރީޚުގައި ބޮޑު ކާމިޔާބެއް ހޯދާފައިވާ ފްރޭންކް ލަމްޕާޑެވެ.
އެ ކުޅުންތެރިންގެ އިތުރުން މަޝްހޫރު ފުޓްބޯޅަ ތަރިންގެ ހިއްސާ އޮންނަ ކުންފުނިތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ޝިއާން ވިދާޅުވިއެވެ.
ރާއްޖެ އަންނަން އެއްބަސްވި ކުޅުންތެރިން އަންނަ އަހަރުގެ ކުރީކޮޅު ގެނެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ރާއްޖެ އައިސް އެ ކުޅުންތެރިން ދިވެހި ކުޅުންތެރިންނާއެކު ފުޓުބޯޅަ މެޗު ކުޅުމަށް ހަމަޖެހިފައިވާ ކަމަށް ޝިއާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިހާރު ކުރިއަށް ދަނީ ރާއްޖޭގައި އެ ކުޅުންތެރިންގެ ކަންކަން ކުރިއަށް ގެންދާނެ ގޮތްތައް ނިންމުމުގެ މަޝްވަރާތައް ކަމަށެވެ.
ރާއްޖެއިން ޔޫރަޕިއަން ޔޫނިއަނާއި ބެލްޖިއަމް އަދި އިނގިރޭސިވިލާތައް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ޝިޔާން --- ސަން ފައިލް ފޮޓޯ
"ދެން އޮންނާނީ ރާއްޖެއިން ޕާޓްނަރުން ހޯދުން. ރާއްޖެއިން ކޮން ފަރާތަކާ ގުޅިގެންތޯ އެފްއޭއެމާ ގުޅިގެންތޯ ނުވަތަ ވަކި އިންޑިވިޖުއަލް ކްލަބްތަކާ ގުޅިގެންތޯ. އެބޭފުޅުން ވެސް ގެންދާ ސިސްޓަމެއް ކޮމާޝަލް ސިސްޓަމެއް. އޭގެ މާނައަކީ ކޮންމެ ވެސް ވަރަކަށް ސްޕޮންސާއާ ޚަރަދުތަކެއް ހިނގާތީ އެބައި ވެސް ކަވަރުކުރަންޖެހޭ. އެހެންވީމަ އެބައި ހަމަޖެއްސުމުގެ ކަންތައް ކުރިއަށްދަނީ،" ޝިއާން ވިދާޅުވިއެވެ.
ރިއޯ ފާޑިނަންޑާއި ޖެރާޑް އާއި ލަމްޕާޑަކީ މިހާރު ކުޅުން ހުއްޓާލާފައިވާ ތިން ކުޅުންތެރިންނެވެ.
ޝިއާން ވިދާޅުވީ މިހާރު ޕްރިމިއާ ލީގަށް ކުޅެމުންދާ މަޝްހޫރު ކުޅުންތެރިން ވެސް އޮފް ސީޒަންގައި ގެނެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މި ކުޅުންތެރިން ރާއްޖެ އައިސް މިކަލަ އިވެންޓެއް ބޭއްވީމާ ރާއްޖޭގަ މި ހުންނަ ފެސިލިޓީސްތަކާއި ރާއްޖޭގެ ފުޓުބޯޅައިގެ ކަންތައްތަކާއި އޭގެ މައުލޫމާތު ވެސް ލިބިގެންދާނެ. މިދަންނަވާ ކުޅުންތެރިންނަކީ ގިނަ ފޮލޯވާސް ގެންގުޅޭ ކުޅުންތެރިން. އިނގިރޭސިވިލާތުގައި ވެސް ވަރަށް ގިނައިން ސޯޝަލް މީޑިއާގައި ފޮލޯވާސް ހުންނަ ކުޅުންތެރިން. އެހެންވީމަ ސުވާލެއް ވެސް ނުއުފެދޭނެ ނޫންތޯ އޭގެން ރާއްޖެއަށް މާކެޓިންގެ ގޮތުގައި ލިބޭ ފައިދާ،" ޝިއާން ވިދާޅުވިއެވެ.
އެ ކުޅުންތެރިންނަކީ ސޯޝަލް މީޑިއާގައި ގިނަ ފޮލޯވާސް ތިބޭ މީހުން ކަމަށްވާތީ ރާއްޖޭގެ ޓޫރިޒަމް ފުޅާކުރުމަށާއި ރާއްޖޭގެ ތަސައްވަރު ރަނގަޅުކުރުމަށް އެކަމުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން ރާއްޖޭގެ ކޯޗުންގެ ފެންވަރު ރަނގަޅު ކުރުމަށާއި ފުޓުބޯޅަ އަށް ކުޑަކުދިން ތަމްރީނުކުރުމަށް ސްޕެޝަލިސްޓް ކޯޗުން ގެނައުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ވިސްނުން ހުރީ ސަސްޓެއިން ގޮތަކަށް، ލޯންގް ޓާމް ގޮތަކަށް މިކަން ކުރިއަށް ގެންދެވޭތޯ. އެއަށް އަޅުގަނޑުމެން މަޝްވަރާ ކުރަމުން މިދަނީ،" ޝިއާން ވިދާޅުވިއެވެ.
ރާއްޖެ އަންނަން އެއްބަސްވެފައިވާ އެ ތިން ކުޅުންތެރިން ވެސް ވަނީ އިނގިރޭސި ގައުމީ ޓީމަށް ކުޅެފައެވެ. އޭގެ ތެރެއިން ޖެރާޑް ވަނީ އިގިރޭސި ގައުމީ ޓީމުގެ ކެޕްޓަންގެ މަގާމު ވެސް އަދާކޮށްފައެވެ.
ފުޓުބޯޅައިގެ ތާރީޚުގައި ވެސް އުފެދުނު އިނގިރޭސި އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި އެ ތިން ކުޅުންތެރިން ވެސް ހިމެނެއެވެ. ދުނިޔޭގައި އުފެދުނު އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި ފާޑިނަންޑް ހިމެނޭއިރު، އެންމެ މޮޅު މިޑްފިލްޑަރުންގެ ތެރޭގައި ޖެރާޑް އާއި ލަމްޕާޑް ހިމެނެއެވެ.